ތުރުކީން ރާއްޖެއަށް ހަދިޔާކުރި މަނަވަރު ރާއްޖެ ގެނެސްފިއެވެ.
ތުރުކީން ރާއްޖެއަށް ހަދިޔާކޮށްފައިވަނީ މިސައިލު ފޮނުވުމުގެ ގާބިލްކަން ލިބިފައިވާ ޓީސީޖީ ވޯލްކަން، ޕީ-343 މަރުކާގެ މަނަވަރެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ މަނަވަރު އިފްތިތާހު ކޮށްދޭނީ ތުރުކީގެ ނޭވީ ޓީމުންނެވެ.
އެ މަނަވަރު ރާއްޖެއަށް ހަދިޔާ ކުރަން ތުރުކީ ސަރުކާރުން ނިންމާފައިވާކަން ފުރަތަމަ ހާމަ ކޮށްފައިވަނީ ތުރުކީގެ ނޫސްތަކުންނެވެ.
އެ ގައުމުގެ ޑިފެންސް މިނިސްޓްރީއާ ހަވާލާދީ މީޑިއާތަކުގައި ބުނެފައިވަނީ TCG ވޮލްކަން (P-343)ގެ މިސައިލް ބޯޓެއް އެ ގައުމުން ރާއްޖެއަށް ހަދިޔާކުރަން ނިންމާފައިވާ ކަމަށެވެ.
ތުރުކީން މަނަވަރެއް ހަދިޔާ ކުރުމަށް ނިންމީ ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ކޯސްޓުގާޑު ދެގުނަކޮށް، ގާބިލުކަން އިތުރު ކުރުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިއަށް ވާސިލުވުމަށް ރަހުމަތްތެރި ގައުމުތަކާ އެކު ބަދަހިކުރަމުން ގެންދާ ގުޅުންތަކުގެ ނަތީޖާއެެއްގެ ގޮތުން ކަމަށް ރާއްޖޭގެ ޑިފެންސް މިނިސްޓްރީން މީގެ ކުރިން ބުނެފައިވެއެވެ.
މަނަވަރު ސިފައިންގެ ހިދުމަތަށް ތައާރަފު ކުރެވުމަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމަށާއި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ބައިނަލްއަގުވާމީ މުޖުތަމައުގެ ޒިންމާދާރު މެމްބަރެއްގެ ހައިސިއްޔަތުން ރާއްޖެއިން އަދާކުރަން ޖެހޭ ދައުރު ފުރިހަމައަށް އަދާކުރުމުގެ ގާބިލުކަން ހުރި ބަޔަކަށް ސިފައިން ހެދުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.

