ލާމަރުކަޒީ ނިޒާމަށް އިސްލާހު ގެންނަނީ ރައްޔިތުންނަށްޓަކައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ވަނީ ފަސް އިސްލާހެއް ހުށަހަޅައިފައެވެ.
ބިލުގައިވާ އިސްލާހުގައިވާ ގޮތުން، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތުން ކުއްޔެއް ނުނެގޭނެއެވެ.
އަދި ކައުންސިލްތަކަށް އާމްދަނީ ދޫކުރަންވާނީ އެއްވެސް ގާނޫނެއްގެ ދަށުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއް ވާނަމަ އެ ޓެކުހަކަށްވާ ފައިސާއާއި، އާންމު ހޖދުމަތަކަށް ކައުންސިލްތަކުން ދައްކަންޖެހޭ ފައިސާއެއް ނުދައްކާތާ ހަ މަހަށްވުރެ ގިނަ ދުވަސްވެފައިވާނަމަ، އެ ފައިސާއެއް އުނިކުރުމަށްފަހު ބާކީވާ އަދަދެކެވެ.
ރައްޔިތުންނަށް އާންމު ހިދުމަތްތައް ދިނުމަށް ބިން ދޫކުރުމަށްފަހު ބައެއް ކައުންސިލްތަކުން އެ ބިމަށް ވަރަށް ބޮޑު ކުއްޔެއް ނަގާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިހެން މިކަން ކުރުމުން ރައްޔިތުންނަށްދޭ ހިދުމަތުގެ އަގު ބޮޑުވާ ކަމަށެވެ.
ކައުންސިލްތަކަށް ލިބޭ އާމްދަނީން ޓެކްސް ވެސް ނުދައްކާކަން ފާހަގަކުރައްވައި، މި އިސްލާހުގެ ސަބަބުން ޓެކްސް ދައްކަން މަޖުބޫރުވާނެ ކަމަށް ރައީީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، އެކަމުގެ ފައިދާ ވެސް ކުރާނީ ރައްޔިތުންނަށް ކަމަށެވެ.
މިއީ ދެ ފުށްފެންނަ ގޮތެއް ނޫންކަމަށާއި މިކަން ކައުންސިލްތަކުން ނުކުރާތީ އެންމެފަހުން ގާނޫނުގައި ލިޔެގެން މިކަން ކުރުވަން ޖެހުނީ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

