އިޒްރޭލުން ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން އާބާދުކުރުމަށް އިޒުރޭލުން އިއުލާންކުރި އެޖެންޑާ އެންމެ ހަރުކަށި އިބާރާތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ކުށްވެރިކުރައްވައިފިއެވެ.

ރައީސްގެ ސޯޝަލްމީޑިއާ އެކައުންޓްތަކުގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އިޒުރޭލުން އިއުލާންކުރި ”ވިޜަން އޮފް ގްރޭޓަ އިޒްރޭލް“ބަޔާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ރައީސްގެ ޕޯސްޓުގައި މިފަދަ ތާކުންތާކު ނުޖެހޭ ބަޔާންތައް ނެރުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށް ވިދާޅުވިއެވެ.

އަދި ހަމަ އެހެންމެ އެއީ ފަލަސްތީނުގެ ރައްޔިތުންނަށް އޮތް ”ރައިޓް ޓު ސެލްފް-ޑިޓަމިނޭޝަން“ ނުވަތަ މިނިވަންކަމާއެކު ސިޔާސީ ދަރަޖަ ދެނެގަނެ، އިގްތިސާދީ، އިޖުތިމާއީ އަދި ސަގާފީ ކުރިއެރުމަށް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ހައްގަށް އަރައިގަތުމުގެ އަމަލެއް ކަމުގައިވެސް ވިދާޅުވިއެވެ.

ރައީސް ވަނީ ބައިނަލްއަގުވާމީ މުޖުތަމައު ގުޅިގެން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށްދީ، އިތުރުވަމުންދާ ހަމަނުޖެހުންތަކުގެ ތެރޭގައި ފަލަސްތީން ރައްޔިތުން ތަހައްމަލު ކުރަމުންދާ ދަތި ހާލަތުން މިންޖުކުރުމަށް އަވަސް މަސައްކަތްތަކެއް ކުރުމަށްވެސް ގޮވާލައްވާފައެވެ.