ގައުމުގެ ސިޔާދަތާއި މިނިވަންކަން ސިފައިން އަބަދުވެސް ހިމާޔަތް ކުރާނެ ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ތުރުކީން ރާއްޖެއަށް ހަދިޔާކުރި މަނަވަރު އެމްއެންޑީއެފްއާ ހަވާލުކޮށް އަދި ކޮމިޝަން ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުންނެވެ.
ޣައްސާން ވިދާޅުވީ އެމްއެންޑީއެފް އަށް ރޭ ލިބިގެން މިދިޔައީ ދިވެހި ތާރީޚުގައި ދިވެހި އަސްކަރިއްޔާއަށް ލިބުނު އެންމެ ބޮޑު މަނަވަރު ކަމަށެވެ.
މިއީ އެންމެ ޒަމާނީ ޓެކްނޮލޮޖީ އާއި ބަރު ހަތިޔާރު ބޭނުންކޮށްގެން، ރާއްޖޭގެ މިނިވަންކަމުގެ ފުރަމާނަ ދޭހަކޮށްދެވޭ ވަރުގެ އުޅަނދެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ދިވެހިންނަކީ ވަސީލަތްތައް މަދު ނަމަވެސް ހިތްވަރާއެކު ކެރިގެން މައިދާނަށް ނިކުމެ އުޅުނު ބައެއް ކަމަށާއި 1980ވަނަ އަހަރު، އަސްކަރިއްޔާގެ ކަނޑުގެ ބާރު ވުޖޫދުވިއިރު ފެނުނީ މިފަދަ މަންޒަރުތައް ކަމަށް ޣައްސާން ވިދާޅުވިއެވެ.
ނަމަވެސް މިއަދުގެ މަންޒަރު ވަރަށް ތަފާތު ކަމަށާއި އަދި ސިފައިން އަބަދުވެސް ނަފްސަށް ވުރެ ގައުމު އިސްކުރުމަށް ވެސް ޣައްސާން ސިފައިންނަށް އިލްތިމާސްކުރެއްވިއެވެ.
”ނަފްސަށް ވުރެ އަބަދުވެސް ގައުމު އިސްކުރެއްވުމަށް ސިފައިންނަށް އިލްތިމާސްކުރަން. ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު މާތްﷲ ގެ ހެޔޮ ރަހުމަތްފުޅުން ދިވެހި ސިފައިން އަބަދުވެސް ހިމާޔަތް ކުރާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ތަކުރާކުރަން،“ ޣައްސާން ވިދާޅުވިއެވެ.
މި މަނަަވަރު ރޭ ކޮމިޝަން ކޮށްފައިވަނީ ’ދަރުމަވަންތަ‘ ނަން ދިނުމަށްފަހުގައެވެ.
ތުރުކީން ހަދިޔާކޮށްފައިވަނީ މިސައިލް ފޮނުވުމުގެ ގާބިލުކަން ލިބިފައިވާ ޓީސީޖީ ވޮލްކަން (ޕީ-343) މަނަވަރެކެވެ.

