ޒުވާނުންނަށް މަސްވެރިކަމުގެ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމައި އޭގައި ބައިވެރިވާން ހުޅުވާލައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މިއީ ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުޤުވެރިކަން އުފައްދައި، މަސްވެރިކަމާއި މަސްވެރިކަމުގެ ދާއިރާއާ ގުޅޭ މަސައްކަތްތަކަށް ޒުވާނުން ނެރުމަށް ކަމާ ގުޅޭ ތަމްރީނާއި ހުނަރު ހޯދުމުގެ ފުރުސަތު ޒުވާނުންނަށް ފަހިކޮށް ދިނުމަށް ހިންގަން ހަމަޖެހިފައިވާ ޕްރޮގްރާމެއް ކަމަށެވެ.

އެގޮތުން ވޯލްޑް ބޭންކްގެ އެހީގައި ކުރިއަށް ގެންދާ ”ޓްރާންސްފޯމިން ފިޝަރީޒް ސެކްޓާ އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް“ގެ ދަށުން މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމާފައި ވަނީ ތިން މަސް ދުވަހުގެ މުއްދަތަށެވެ.

މި ތަމްރީން ޕްރޮގްރާމްގައި މަސްވެރިކަމާ ބެހޭ ފަންނީ މަޢުލޫމާތު ދިނުމުގެ އިތުރުން އަމަލީ ގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވުމުގެ ފުރުޞަތު ޕްރޮގްރާމުގެ ބައިވެރިންނަށް ފަހިކޮށް ދޭނެއެވެ.

އެގޮތުން، ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ރާއްޖޭގައި ހަރަކާތްތެރިވާ އުޅަނދުތަކުގެ ތެރެއިން ނިސްބަތުން އެންމެ ފާހަގަކޮށްލެވޭ ދޮށީގެ މަސްވެރިކަން ކުރާ އުޅަނދެއްގައި ޢަމަލީ ގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވެ މަސްވެރިކަން ކުރާ ގޮތުގެ ތަމްރީނާއި ހުނަރު ރާއްޖޭގެ އެންމެ ފުންނާބު އުސް ކެޔޮޅުންގެ ފަރާތުން އުނގެނި ދަސްކުރުމުގެ ފުރުސަތު ވެސް ބައިވެރިންނަށް ލިބޭނެއެވެ.

މިނިސްތްރީން ބުނީ މި ތަމްރީން ޕްރޮގްރާމް ފަށަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ ތެރޭގައި ކަމަށެވެ.

ޕްރޮގްރާމްގެ މުއްދަތުގައި، ބައިވެރިންނަށް ދުވަހު އެލަވަންސެއް ވެސް ދޭނެއެވެ.

އެހެންވެ ބައިވެރިވާން ޝައުގުވެރިވާ 24 އަހަރުން ދަށުގެ ޒުވާނުންނަށް ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 27 އާ ހަމައަށް ވަނީ ހުޅުވާލައިފައެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ 18 އަހަރު ދަށުގެ ޒުވާނެއް ނަމަ، ބެލެނެވެރިޔާގެ ހުއްދައިގެ ލިޔުމެއް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

މި ތަމްރީނު ޕްރޮގްރާމާ ގުޅޭ އިތުރު މައުލޫމާތު މި ނަންބަރު 3339276 އިން ހޯދޭނެއެވެ.