ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެންބަރު ކަމަށް ހަ ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީގައި ވަނީ ސީއެސްސީގެ މެންބަރު ކަމަށް އާންމުކޮށް އިއުލާނު ކުރުމުން އިޖާބަ ދެއްވި ބޭފުޅުންގެ ތެރެއިން އެ ކޮމިޝަނަށް އައްޔަން ކުރުމަށް ރައީސަށް ފެނިވަޑައިގަންނަވާ ބޭފުޅުންގެ ނަން ހުށަހަޅުއްވާފައެވެ.

ރައީސް ހުށަހެޅުއްވި ނަންތަކުގެ ތެރޭގައި ސީއެސްސީގެ ރައީސް މުހައްމަދު ނާސިހްގެ ނަންވެސް ހިމެނެއެވެ.

ރައީސް ހުށަހެޅުއްވި ބޭފުޅުންގެ ނަންތައް

މުހައްމަދު ނާސިހް، މ. ފަލްކަންގެ

ޑރ. ހުސައިން ފާއިޒް، ދަފްތަރު. ނަންބަރު 1325

ޑރ. ދީބާ މޫސާ، މ. ވައިޓްބެލް

ބަދުރިއްޔާ މޫސާ، ދަފްތަރު. ނަންބަރު ރސ 2414

ޑރ. ފާތިމަތު މުނާ، ވާދީއާގެ، ގއ. ވިލިނގިލި

އާމިނަތު އުއްމުކުލްސޫމް، މޫންލައިޓްހައުސް، ސ. މަރަދޫ

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މައްސަލަ ދިރާސާކުރުމަށް ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.

ސީއެސްސީގެ މެންބަރު ކަމަށް ހުޅުވާލީ ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހާއި، ކޮމިޝަންގެ މެންބަރުން ކަމުގައިވާ މުހައްމަދު ފަރުސަތާއި ފާތިމަތު ޝަރީފްގެ މެންބަރު ކަމުގެ ދައުރުގެ މުއްދަތު ސެޕްޓެމްބަރު ތިން ވަނަ ދުވަހަށް ހަމަވާތީއެވެ.