ރަނގަޅު ވެރިކަމެއް ކުރުމަށްޓަކައި ނޫސްތައް ހުއްޓުވުމުގެ ބަދަލުގައި އިސްކަން ދޭންވާނީ ޖަވާބު ދާރީވުމަށް ކަމަށް ކުރީގެ ނައިބު ރައީީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ފައިސަލް މިހެން ވިދާޅުވީ، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުމާ ގުޅިގެންނެވެ.
އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތަހުޒީބީ ގައުމުތަކުގައި މީޑިއާތައް ރެގިއުލޭޓް ކުރަނީ ސެލްފް ރެގިއުލޭޓެޑް ބޮޑީތަކުން ކަމަށާއި، އެކަން ކުރަންޖެހޭނެ ގޮތަކީ އެއީ ކަމަށެވެ.
”މި ބިލް މަޖިލީހަށް ބަލައި ނުގަތުމަށް ގޮވާލަން.“ ފައިސަލް ވިދާޅުވިއެވެ.
”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން“ ބިލު މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ.
ފައިސަލް ވިދާޅުވީ ޑިމޮކްރަސީ އަށް ނުހަނު މުހިންމު ބާރެއް ކަމަށްވާ، ނޫސްވެރިކަމުގެ މިނިވަންކަން ނަގާލުމަށްޓަކައި، މީޑިއާތަކުގެ ރަޖިސްޓްރީ ބާތިލުކޮށް، މީޑިއާތަކުން ބްރޯޑްކާސްޓުކުރުން ހުއްޓުވޭ ގޮތަށް ކޮމިޝަނެއް އުފައްދައި، އެ ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ގިނަ މެންބަރުންތަކެއް އައްޔަނު ކުރުމުގެ ބާރު ލިބޭ ގޮތަށް މަޖިލީހަށް އަނެއްކާވެސް ބިލެއް ހުށަހެޅުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.
އަދި ރަނގަޅު ވެރިކަމެއް ކުރުމަށްޓަކައި ނޫސްތައް ހުއްޓުވުމުގެ ބަދަލުގައި އިސްކަން ދޭންވާނީ ޖަވާބުދާރީވުމަށް ކަމަށް ފައިސަލް ވިދާޅުވިއެވެ.
މީޑިއާތައް ރެގިއުލޭޓު ކުރާ ބިލުގެ ދަށުން އުފައްދާ 7 މެމްބަރުންގެ ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ ތިން މެންބަރަކު ކޮމިޝަނުގައި ހިމަނާގޮތަށް ބިލުގައި ހިމަނާފައިވެއެވެ.
އަދި ގާނޫނާ ހިލާފަށް އަމަލުކުރާ ނޫސްތަކާއި މީޑިއާތަކަށް ފިޔަވަޅު އެޅޭގޮތަށް އޮތްއިރު މީޑިއާއަކުން ކުރާ ގާނޫނާ ހިލާފު މައްސަލައެއް އެ ކޮމިޝަނުން ބަލަމުންދާނަމަ އެ މީޑިއާއެއްގެ ރަޖިސްޓްރީ ވަގުތީގޮތުން ބާތިލުކުރުމުގެ ބާރު ކޮމިޝަނަށް ދީފައިވެއެވެ.
އަދި މީޑިއާތަކުން ކުރާ ގާނޫނާ ހިލާފު ކަންކަމުގެ އަދަބެއްގެ ގޮތުން ފަސްހާހާއި އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭގޮތަށް ވެސް ހިމަނާފައިވެއެވެ.
ބިލުގައި ބުނެފައިވަނީ، މި ބިލު ފާސްވުމުން މިހާރުގެ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލެވޭނެކަމަށެވެ.

