މާފަރު ފަޅަކީ އއ. ފެރިދޫގެ ބައެއްގެ ގޮތުގައި ކަނޑައަޅުއްވަން ނިންމަވާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިކަން އިއުލާނު ކުރެއްވީ، އއ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހަވީރު ފެރިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ފެރިދޫގައި ތަރައްގީކުރާ ޕިކްނިކް އައިލެންޑް ތަރައްގީ ކުރާނީ މާފަރު ފަޅުގައި ކަމަށެވެ.
އެގޮތުން ފަތުރުވެރިކަމަށް ބަރޯސާވާ ފެރިދޫގެ ތަރައްޤީގެ މުސްތަޤުބަލަށްޓަކައި، ރަށަށް އާމްދަނީ ހޯދޭނެ ވަސީލަތެއްގެ ގޮތުގައި އެ ފަޅު ބޭނުންކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ފެރިދޫއަކީ އަތޮޅުގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ރަށްކަމަށް ވުމާއެކު، ސިއްހީ މަރުކަޒުގެ ބިނާރާއި އިންސާނީ ވަސީލަތްތައް ހަރުދަނާކުރެއްވުމަށްވެސް ހާއްސަ ސަމާލުކަމެއް ދެއްވާނޭކަމަށް ރައީސް ވިދާޅުވިއެވެ.
ރަށުގެ މަގު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރު ފައްޓަވާނޭ ކަމަށާއި، ނެރުގެ މައްސަލައަށްވެސް މި އަހަރު ހައްލެއް ހޯއްދަވައިދެއްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ފުޓުބޯޅަ ދަނޑު ނިންމުމާއި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރާއި އައުޓްޑޯ ޖިމްގެ މަސައްކަތްވެސް މި އަހަރަށް ތާވަލުކުރެވިފައިވާކަމަށް ވިދާޅުވިއެވެ.
ރަށުގައި އަޅާ މިސްކިތުގެ މަސައްކަތް މިހާރު އޮތީ، ބިން ކަނޑައެޅުމާ ހިސާބުގައިކަން ފާހަގަކުރައްވައި، އެ ކަމުގައި އުފެދިފައިވާ ހިލާފު ނައްތާލުމުގެ ގޮތުން ރައްޔިތުންގެ ވޯޓެއް އަލުން ނެގުމަށްފަހު، ބިން ކަނޑައެޅުނުހާ އަވަހަކަށް، މިސްކިތުގެ މަސައްކަތް ފެށޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

