ކަނޑައަޅާފައިވާ މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން މި ނޮވެމްބަރު މަހު، ކަށިމިޔަރުގެ މަސްވެރިކަމަށް އަލުން ހުޅުވާލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ހދ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ކުޅުދުއްފުށީގައި މީގެ ކުރިން ކަށިމިޔަރުގެ މަސްވެރިކަމުން ބޮޑު އާމްދަނީއެއް ހޯދަމުންދިޔަކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، އެކަމާ ގުޅުންހުރި ގަވާއިދުތައް މުރާޖާ ކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރައްވާފައިވާކަމަށާއި، އަދި މެނޭޖްމަންޓް ޕްލޭންގެ ދަށުން ކަށިމިޔަރު މަސްވެރިކަން އަލުން ހުޅުވާލައްވަން ނިންމަވާފައިވާކަމަށެވެ.

އެހެންކަމުން، ކަށިމިޔަރު މަސްވެރިކަމަށް މަސްވެރީން ތައްޔާރުވުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

މިރޭގެ ޖަލްސާގައި އެ މަނިކުފާނު ވަނީ، ފަތުރުވެރިކަމުގެ ދާއިރާއިން ރާއްވަވާފައިވާ މަސައްކަތްތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން، އެއަރޕޯޓާއި އިންވެގެން އޮންނަ ސަރަޙައްދުގައި ސިޓީ ހޮޓާ އެޅުމުގެ މަސައްކަތް އިންވެސްޓަރުންނަށް ހުޅުވާލައި، އިކޯ ޓޫރިޒަމް މަންޒިލެއްގެ ގޮތުގައި ކޭލަކުނު ތަރައްގީ ކުރުމާއެކު، ތިލަދުންމަތީ ދެކުނުބުރި ފަތުރުވެރިކަމަށް ހުޅުވާލެވޭނޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.