ހދ.ކުމުންދޫ ބަނދަރަށް ދިމާވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށްޓަކައި، ބަނދަރު މިހާރު އޮތްތަން ނޫން އެހެން ސަރަހައްދަކަށް ބަދަލުކޮށް، ދެ މަސްދުވަހުގެ ތެރޭގައި މަސައްކަތް ފައްޓަވާނެ ކަމުގައި ރައިސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Advertisement
Advertise with us

އެމަނިކުފާނު މިހެން ވިދާޅުވީ، ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ގެ އެންމެ ފަހު މަންޒިލްކަމަށްވާ، ކުމުންދޫއަށް ޒިޔާރަތްކުރައްވައި އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ކުމުންދޫގެ ތަރައްގީއަށްޓަކައި ކުރައްވަންހުރި ކަންކަމުގެ ތެރޭގައި، ރައްޔިތުންނަށް އެންމެ ދަތިވެފައިވާ މައްސަލައަކީ ބަނދަރުގެ މައްސަލަކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ބަނދަރު މިހާރު އޮތްތަނުގެ ސަބަބުން ދިމާވަމުންދާ މައްސަލަ ހައްލުނުކުރެވޭކަން މިހާރު ޔަގީންވާކަމަށެވެ.

މިކަމަށް ދާއިމީ ހައްލެއް ގެނައުމަކީ އެ މަނިކުފާނުގެ ޒިންމާއެއްކަމަށް ވިދާޅުވެ، ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވާ ސަރަހައްދަށް ބަނދަރު ބަދަލުކޮށް ދެ މަސްދުވަހުގެ ތެރޭގައި މަސައްކަތްފަށައި، ބަނދަރު ނިންމަވައިދެއްވާނެ ކަމަށެވެ.

މީގެ އިތުރުންވެސް ބަނދަރުގެ މަސައްކަތް ކުރިއަށްދާއިރު މޫދަށް އެރޭ ސަރަހައްދެއް ހެދިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ކުމުންދޫ މަގު ހެދުމުގެ މަޝްރޫޢުގެ އެއްބަސްވުމާއި، ކުމުންދޫ ސްކޫލްގެ މަލްޓި- ޕާޕަސް ހޯލުގެ އެއްބަސްވުމުގައި ވަނީ ސޮއިކުރައްވާފައެވެ.

މީގެ އިތުރުން ކުމުންދޫގައި ފެނާއި ނަރުދަމާގެ ހިދުމަތް ރަސްމީކޮށް ރައީސް ވަނީ އިފްތިތާހު ކޮށްދެއްވާފައެވެ.