ސިޔާސީ އެކި މީހުން ޖަލަށްލުމަށް، ކުރީ ސަރުކާރުތަކުން ހެދި ޖަލު ގޮޅިތައް ހުރީ ހުސްކޮށް ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ވެރިކަން ކުރާ ޕީއެންސީން މިރޭ، އާޓިފިޝަލް ބީޗުގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިރޭގެ ޖަލްސާގެ 13،000 އެއްހައި ބައިވެރިންނާ މުހާތަބު ކުރައްވައި، ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމަށް ދެ އަހަރު ފުރޭން ކައިރިވެފައިވާއިރު، މިހާތަނަށް ސިޔާސީ މީހަކަށް ވީތީ، އެއްވެސް މީހަކު ޖަލަށް ލާފައި ނުވާ ކަމަށެވެ.

ރައީސް ވިދާޅުވީ، ސިޔާސީ މީހުންނަށްޓަކައި ކުރީގެ އެކި ސަރުކާރުތަކުން ޖަލުގައި ހެދި ގޮޅިތަކަށް ލާނެ މީހަކު މިހާރު ނެތުމުން، ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންގެ ކަމަކީ އެ ގޮޅިތައް ފޮޅައި ސާފުކޮށް ބެލެހެއްޓުން ކަމަށެވެ.
އެމަނިކުފާނަކީ ސިޔާސީ ގޮތުން ބަދަލު ހިއްޕަވާނެ ބޭފުޅެއް ނޫން ކަމަށާއި، އެހެންވެ، އެ ޖަލު ގޮޅިތަކަށް ލާނެ މީހަކު ފޮނުވެން ނެތް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، މީގެ ކުރިން ފެނިގެންދިޔަ ވެރިކަންތަކުގައި، ސަރުކާރަށް އެއް އަހަރު ނުވަތަ ދެ އަހަރު އެންމެން ތިބެނީ ޖަލުގައި ކަމަށެވެ.
ނަމަވެސް މި ވެރިކަމުގައި ސިޔާސީ ގޮތުން ކޮންމެ ވާހަކައެއް ކޮންމެ ބަޔަކު ދެއްކިޔަސް އެންމެ ރަނގަޅު ކަމަށާއި، އެކަމާ ގުޅިގެން ޖަލަށް ނުލާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

