މަސްތުވާތަކެއްޗާ ދެކޮޅަށް ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ހުޅުމާލެ ފޭސް 1 އިން ދެމީހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހަނދުވަރީގެ / ފ. މަގޫދޫ، އިސްމާޢީލް އިޒްހާން (25އ) އާއި ހުސްނޫގެ / ލ. އިސްދޫ، އާމިނަތު ރުޝްދާ (21އ)އެވެ.
ފުލުހުން ބުނީ މި ދެ މީހުން ހައްޔަރުކޮށްފައިވަނީ އިއްޔެ ހުޅުމާލެ ފޭސް 1 ވެމްކޯ ބުރިޖު ކައިރިން ކަމަށެވެ.
މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އެ ދެމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 140.03 ގުރާމުގެ ތަކެއްޗާއި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ތިން ބިޑި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އިސްމާޢީލް އިޒްހާން 15 ދުވަހަށް އަދި އާމިނަތު ރުޝްދާ 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

