މި އަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހި ޖެހުނު މީހުންގެ ޖުމްލަ އަދަދު 264 އަށް އަރައިފި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭ އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ ހަފްތާގައި އެކަނިވެސް މާލެ ސަރަޙައްދުން މި ބަލީގެ 12 ކޭސް ވަނީ ފެނިފައެވެ.
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސިއްހީ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16,320 މީހަކަށް ވަނީ ހިމަބިހީގެ ވެކްސިން ދީފައެވެ.
ހިމަބިއްސަކީ ވައިގެ ޒަރީއާއިން ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔަކަށް ވާތީ، މި ބަލިން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.
އެގޮތުން ހިމަބިހީގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ ފަރާތްތަކުން، ކަނޑައެޅިފައިވާ ވެކްސިންދޭ މަރުކަޒަކަށް ގޮސް ވީ އެންމެ އަވަހަކަށް ވެކްސިން ފުރިހަމަކުރުމަށް ވަނީ އެދިފައެވެ.
އަދި ބަލިޖެހިފައިވާ މީހަކާ ކޮންޓެކްޓްވިކަން އެނގޭ ފަރާތްތަކުން ވެސް، ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ނުވާނަމަ، ލަސްނުކޮށް ކޮންޓެކްޓުންނަށް ވެކްސިން ޖަހަން ކަނޑައެޅިފައިވާ ވަގުތުގައި ވެކްސިން ޖެހުމަށް އިރުޝާދު ދީފައިވެއެވެ.
މީގެއިތުރުން، ހުންއައިސް ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށާއި، ބައްޔަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ ނަތީޖާ ލިބެންދެން އެހެން މީހުންނާ އެކަހެރިވެ ތިބުމަށް އެޗްޕީއޭ އިން ބާރުއަޅައެވެ.