ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކޮށްފައިވާ 4000 ހައުސިން ޔުނިޓުތަކުގެ ޕްލެޓުތައް ކައިރީ ކުނި ބެހެއްޓުމުގެ މައްސަލަ ބޮޑުވެފައިވަނިކޮށް، އެ ކޯޕަރޭޝަނުން އެ ފްލެޓުތަކުގެ ކައިރީގައި 32 ޑަސްބިން ބަހައްޓައިފިއެވެ.

އެފްޑީސީން ބުނީ ޓަވަރުތައް ކައިރީ އެ ތަންތަނުން ނެރޭ އާންމު ކުނީގެ ގޮތުގައި އުކާލާ ކުނިތައް އެޅުމަށް ޑަސްބިން ބަހައްޓާފައިވާ ކަމަށެވެ.

އެ އިމާރާތާއި، ދިރިއުޅޭ މާހައުލުގެ ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި، ކުނި އުކާލުމުގައި ހަމަޖެހިފައިވާ އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެންމެހާ ފަރާތްތަކަށް ނަސޭހަތްތެރިވާ ކަމަށް ވެސް އެފްޑީސީން ބުންޏެވެ.

ފްލެޓު ލިބުނު މީހުން އެ ތަންތަނަށް ބަދަލުވުމަށް، ގެންދާ ސާމާނާއި އެ ތަންތަނުގެ އިންޓީިރިއާ މަސައްކަތުގައި އުފެދޭ ކުނިން ތަން ވަނީ ގޮނޑުކޮށްފައެވެ.

މި މައްސަލަ ބޮޑުވެ، އެފްޑީސީން މިހާތަނަށް ވަނީ ބައެއް ފަރާތްތައް ޖޫރިމަނާ ވެސް ކޮށްފައެއެވެ. އެ ކޯޕަރޭޝަނުން ބުނެފައިވަނީ، ފްލެޓަށް ބަދަލުވާއިރު، އައު ފަރުނީޗަރު ފަދަ ތަކެތިން އުފެދޭ ކުނި އުކާލަން ޖެހޭނީ ފްލެޓުތަކުގެ ވެރިން ކަމަށެވެ.

ފްލެޓުތައް ކާރިއަށް ކުނި އެޅުމުގެ މައްސަލަ ބޮޑުވިއިރު، މީގެ ދުވަސްކޮޅެއް ކުރިން ވަނީ އަލަށް މީހުން ބަދަލުވަމުން ދިޔަ ޓަވަރެއްގެ ތިރިއަށް ޖަމާކޮށްފައި ހުރި ކުނިތަކެއްގައި ރޯވެ އެތަނުގެ ފެން ހޮޅިތަކަށް ވެސް ގެއްލުން ވެފައެވެ.