ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ”ގޫގުލް ޑްރައިވް“ އަށް އަޕްލޯޑްކުރުމާއި، އިލެކްޓްރޯނިކް އެކި ވަސީލަތްތަކުގައި އެފަދަ ތަކެތި ރައްކާކޮށް، ގެންގުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހުޅެވި / ބ.ކުޑަރިކިލު, އަލީ ނާޖިހު އަހުމަދު (29އ)އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ.

މި މައްސަލައިގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ފުރަތަމަ ވަނީ ފަސް ދުވަހުގެ މުއްދަތެއް ދީފައެވެ. އޭގެ ފަހުން، އިއްޔެ އަލުން ކޯޓަށް ހާޒިރުކުރުމުން، ކޯޓުން އޭނާގެ ބަންދަށް އިތުރު 7 ދުވަސް ދީފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުން މި މައްސަލަ ގެންދަނީ ތަހުގީގު ކުރަމުންނެވެ.