މި ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން ދޫކުރާ ފްލެޓާއި ގޯއްޗަށް އެދި މިހާތަނަށް 5،000 އަށް ވުރެ ގިނަ ފޯމު ހުށަހަޅައިފިއެވެ.

ފްލެޓާއި ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ 18 ގައެވެ.

ހައުސިން މިނިސްޓްރީން ބުނީ މިހާތަނަށް ޖުމްލަ 5،067 މީހުން ފޯމު ލިބިފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ފްލެޓަށް އެދި ހުށަހެޅި 3،434 ފޯމާއި ގޯއްޗަށް އެދި ހުށަހެޅި 1،633 ފޯމު ކަމަށެވެ.

މިނިސްޓްރީން ބުނި ގޮތުގައި ޑްރާފްޓް މަރުހަލާގައި ހުރި ފޯމްތަކުގެ އަދަދު 11،304 އަށް އަރައެވެ.

މިނިސްޓްރީން ބުނެފައިވާ ގޮތުގައި ކެޓަގަރީ 1، މާލޭ ރަށްވެހިންނަށް އަދި ހާއްސަ އިސްކަންދެވޭ ކެޓަގަރީތަކަށް ގޯތި ދޫކުރާނީ ގްރޭޓަރ މާލޭ ސަރަހައްދުންނާއި ރަސްމާލެއިންނެވެ.

އަދި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ގޯތި ދޫކުރުމަށް ހަމަޖެހިފައި ވަނީ ރަސްމާލެއިންނެވެ. މި

ދަށުން 7،900 ފްލެޓް ދޫކުރަން ހަމަޖެހިފައިވާއިރު، އެއީ މާލެ އާއި ވިލިމާލެ ހިމެނޭހެން ދޫކުރާ ފްލެޓުތަކެވެ. ފްލެޓް ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1،500 ފްލެޓް އަދި އިސްކަންދޭ ކެޓަގަރީތަކަށް 2،400 ފްލެޓް ކަނޑައަޅާފައިވެއެވެ.

ގޯތި ވެސް ދޫކުރަން ނިންމާފައި ވަނީ މާލެ އާއި މާލޭގައި ދިރިއުޅޭ އެހެން ރަށްތަކުގެ ރައްޔިތުންނަށް ހާއްސަ ކެޓަގަރީ ހިމެނޭ ގޮތަށެވެ.

މި ސްކީމްގެ ދަށުން އަންނަ މަހުގެ 4 އާ ހަމައަށް ގޯއްޗަށް ހުށަހެޅޭއިރު،  ފްލެޓަށް އެދި ހުށަހެޅޭނީ އެޕްރީލް މަހުގެ 17 އާ ހަމައަށެވެ.