ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސަައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ހެންވޭރު ހުޅަނގު ދާއިރާއަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދަވަން ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފިއެވެ.
ރައީސްގެ އަރިހުގައި ބައެއް މިނިސްޓަރުންނާއި ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުންނާއި އެ ޕާޓީގެ ޓިކެޓުގައި ހެންވޭރު ހުޅަނގު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުންނާއި ރައްޔިތުންގެ މަޖިލިހުގައި ޕީއެންސީ ތަމްސީލް ކުރައްވާ ބައެއް މެމްބަރުން ގޭގެއަށް ވަޑައިގަތެވެ.
އަދި އެ ޕާޓީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާފައިވާ މޫސާ އަލީ ޖަލީލް ވެސް ރައީސް މުއިއްޒުގެ އަރިހުގައި ގޭގެ އަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވިއެވެ.

ޕީއެންސީން ބުނީ، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ރައީސް މާލޭގެ އެކި އަވަށްތަކުގެ ގޭގެ އަށް ވަޑައިގެން އެ ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދަވަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ.

ރައީސް ވަނީ، މިފަހުން ޕީއެންސީން ކުރިއަށް ގެންދިޔަ ”ދޮރުން ދޮރަށް“ ހަރަކާތްތަކުގައި، ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގަންނަވައިފައެވެ.
އަންނަ އޭޕްރީލް ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ޕީއެންސީން މަދުވެގެން 800 ގޮނޑި ކާމިޔާބުކުރާނެ ކަމަށް އެ ޕާޓީގެ ކެމްޕެއިން މެނޭޖަރު އިބްރާހިމް ފަލާހު ވަނީ ވިދާޅުވެފައެވެ.
އިންތިހާބަކާ ނުލައި ޕީއެންސީން މިހާރު ވެސް 69 ގޮނޑި ވަނީ ކާމިޔާބުކޮށްފައެވެ.

