ދައުލަތުގެ މުހިންމު ތިން މުއައްސަސާއެއްގައި އަލިފާން ރޯކުރުމަށް ސޯޝަލް މީޑިއާގައި ގޮވާލި މައްސަލައިގައި ހައްޔަރުކޮށްފައިވާ އެމްއެންޑީއެފްގެ ކުރީގެ އޮފިސަރު އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހަސަންގެ ބަންދުގެ މުއްދަތު ކޯޓުން އަނެއްކާވެސް އިތުރުކޮށްފިއެވެ.

ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ވަނީ ތަހުގީގު މަރުހަލާއަށް އިތުރު 14 ދުވަހުގެ މުއްދަތެއް ދީފައެވެ.

މި މައްސަލައާ ގުޅިގެން ޒިހާން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. އޭގެ އަނެއް ދުވަހު ބަންދުގެ ފުރަތަމަ މުއްދަތުގެ ގޮތުގައި ކޯޓުން ދީފައިވަނީ 15 ދުވަހެވެ. މިއަދު އިތުރުކުރި 14 ދުވަހަކީ އެ މުއްދަތު ހަމަވުމާ ގުޅިގެން ކޯޓުން ދިން ދެވަނަ މުއްދަތެވެ.

ޒިހާން ހައްޔަރުކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ރައްޔިތުންގެ މަޖިލިސް އިދާރާގެ އިތުރުން ސުޕްރީމް ކޯޓުގެ އިމާރާތުގައި ހުޅުނުޖަހަނީ ކީއްވެގެންތޯ ސުވާލު އުފައްދައި، ފޭސްބުކްގައި ޝާއިއުކުރި ޕޯސްޓަކާ ގުޅިގެންނެވެ. އެފަދަ ކަމެއް ކުރުމަކީ ވަރަށް މަޖާ ކަމަކަށް ވާނެ ކަމަށް ބުނެ އޭނާ ކުރި އެ ޕޯސްޓް، އާންމުކުރިތާ ގަޑިއިރެއްހާއިރު ފަހުން ވަނީ އަމިއްލައަށް ފޮހެލާފައެވެ. ނަމަވެސް އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސް އޭނާ ހައްޔަރުކުރިއެވެ.