ރައީސް ޑރ. މުހައްމަދު މުއިއްޒު، މޯލްޑިވްސް ހެލްތް އެންޑް ފެމިލީ އެކްސްޕޯ 2026″ އިފްތިތާޙުކޮށްދެއްވައިފިއެވެ.

ރައީސް މުއިއްޒު މި މައުރަޒު އިފްތިތާހުކޮށްދެއްވީ، މިއަދު ހަވީރު ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިކަމަށްޓަކައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މައުރަޒު އިފްތިތާހު ކޮށްދެއްވުމަށްފަހު، ރައީސްގެ ދެކަނބަލުން ވަނީ އެކްސްޕޯގެ އެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، އެ ތަންތަނުން ފޯރުކޮށްދެމުންދާ ހިދުމަތްތަކާއި މައުލޫމާތު އޮޅުންފިލުއްވާފައެވެ.

މި މައުރަޒަކީ ސިއްހީ ދާއިރާގެ ޞައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމާއި، ދުޅަހެޔޮދިރިއުޅުމުގެ ވައްޓަފާޅިއަކަށް އަހުލުވެރިކުރުވުމުގެ އިތުރުން، ބަލިތަކުން ދުރާލާ ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ވަށާޖެހޭ ފުރިހަމަ ނިޒާމެއްގެ ތެރެއިން ރައްޔިތުން ހޭލުންތެރިކުރުވުމުގެ މަޤްޞަދުގައި ބާއްވާ މައުރަޒެކެވެ.

މާލެއާއި އަތޮޅުތަކުގެ ހޮސްޕިޓަލްތައް ހިމެނޭހެން، ޞިއްޙީ ދާއިރާގައި ހަރަކާތްތެރިވާ 60 އަށްވުރެ ގިނަ ޖަމުޢިއްޔާ ޖަމާޢަތްތަކުން ބައިވެރިވި މި މައުރަޒުގައި ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާއި ކަމާގުޅުންހުރި އެކި މުއައްސަސާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތުވެސް ފޯރުކޮށްދޭނެއެވެ.

ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރުން، މި މަސައްކަތުގައި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މި އެކްސްޕޯއަކީ، ހުރިހާ ޢުމުރުފުރައެއްގެ ފަރާތްތަކަށްވެސް ބައިވެރިވެވޭ ގޮތަށް ޢާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

”ދުޅަހެޔޮ އުފާވެރި ޖީލަކަށް އެންމެން އެކުގައި“ މި ޝިޢާރުގެ ދަށުން ބާއްވާ މި މައުރަޒު ކުރިއަށްދާނީ މި ހިނގާ ނޮވެމްބަރު މަހުގެ 5 އިން 7 އަށެވެ.