ޖިންސީ ގޯނާގެ ޝިކާރައަކަށްވާ ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަގޮތަށް، އެކުދިންގެ ޒާތީ މައުލޫމާތު އާންމު ނުކުރުމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ މިނިސްޓްރީން އަންގައިފިއެވެ.

އެ މިނިސްޓްރީން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، އިތުބާރުކުރެވޭ މަގާމެއްގައި ހުރި ފަރާތަކުން ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި، އެ ކުއްޖާގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ޒާތީ މައުލޫމާތު މީޑިއާގެ އެކި މަންސަތަކުގައި ހާމަކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ.

އެގޮތުން، ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 35 ވަނަ މާއްދާގައި ކުޑަކުދިންނަކީ އާއިލާއާއި، ޖަމާއަތާއި ދައުލަތުގެ ފަރާތުން ހާއްސަ އެހީތެރިކަމާއި ރައްކާތެރިކަން ލިބެންޖެހޭ ބައެއް ކަމަށް ކަނޑައަޅާފައިވާއިރު، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ހަމަތަކާ ހިލާފަށް، އެކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް، އެކުދިންގެ ޒާތީ މައުލޫމާތު މީޑިއާގެ އެކި މަންސަތަކުގައި ހާމަކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މިނިސްޓްރީގެ ބަޔާނުގައި ވަނީ، ކުށުގެ ތުހުމަތެއް ކުރެވިފައިވާ ކުދިންނާއި ކުށުގެ ޝިކާރައަކަށްވެފައިވާ ކުދިންނާއި އެނޫންވެސް ސަބަބަކަށްޓަކައި އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިން ހާއްސަކޮށް، އެކުދިންގެ ނަމާއި އެޑްރެހާއި ތައުލީމު ހާސިލުކުރާ ތަނުގެ މައުލޫމާތު ފަދަ ޒާތީ މައުލޫމާތެއް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް ކުއްޖާއަކީ ކާކުކަން ދެނެގަނެވޭނެ ފަދަ އެއްވެސް މައުލޫމާތެއް ނުވަތަ އެކުދިންގެ ތަސްވީރެއް، އެއްވެސް މީޑިއާގެ ނުވަތަ އެނޫންވެސް ވަސީލަތެއްގައި ޝާއިއު ކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވަނީ އެކުދިންގެ މަސްލަހަތު ރައްކާތެރިކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.

އެހެންކަމުން، ކުއްޖަކަށް ދިމާވާ އެއްވެސް ކަމަކާއި ގުޅިގެން، އާންމުން ދެކޭގޮތަށް ނުފޫޒު ފޯރުވުމަށް ނުވަތަ އެނޫންވެސް ބޭނުމަކަށް މީޑިއާގެ މަންސަތަކުގައި ކުއްޖާގެ ކަރާމާތަށް އުނިކަން އަންނާނެހެން މައުލޫމާތު އާންމުކުރުމަކީ ކުޑަކުއްޖެއްގެ ހައްގަކަށް އަރައިގަތުން ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ހަމައެއާއެކު، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަކީ މުޅި މުޖުތަމަޢުގެ މައްޗަށް އޮތް ގާނޫނީ ޒިންމާއެއް ކަމަށްވާތީ، އެފަދަ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކުން އާންމު ނުކުރުމަށް ވެސް މިނިސްޓްރީން ވަނީ އަންގާފައެވެ.