ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވެ، މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ވައިޓް އެލާޓް ނެރެފިއެވެ.

އެގޮތުން، އެލާޓް ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް، މިއަދު ހެނދުނު 08:00 އިން ފެށިގެން މެންދުރު 14:00 ގެ ނިޔަލަށެވެ.

މި ވަގުތުތަކުގައި އެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު، ގުގުރާނެކަމަކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

ހުޅަނގު މޫސުމުގެ ބާރު ގަދަވެ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވަމުންދާތީ، ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް ކުރިމަތިވުން އެކަށީގެންވާކަމަށް މެޓުން ވަނީ ބުނެފައެވެ.

އެގޮތުން، މި ވިއްސާރައިގައި މިހާރުވެސް ބައެއް ރަށްރަށަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަން ފާހަގަކޮށް، މެޓުން ވަނީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.