ފާއިތުވި އޮކްޓޫބަރު މަހު މީރާއިން އާމްދަނީގެ ގޮތުގައި 2.28 ބިލިއަން ރުފިޔާ ބަލައިގަނެފިއެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 11.8 ޕަސެންޓް އިތުރު އަދަދެކެވެ. އަދި މި އަދަދަކީ މި އަހަރުގެ އޮކްޓޫބަރު މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 12.9 ޕަސެންޓް އިތުރު އަދަދެކެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ލިބުނު އާމްދަނީ އާ އަޅާބަލާއިރު މި އަހަރުގެ އޮކްޓޫބަރު މަހު ލިބިފައިވާ އާމްދަނީ 11.8 ޕަސެންޓް އިތުރުވި މައިގަނޑު ސަބަބަކީ، އާންމު ދާއިރާގެ ޖީއެސްޓީ އާއި ޓޫރިޒަމް ދާއިރާގެ ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ.

މީގެ އިތުރުން، އެއާޕޯޓް ޓެކުހާއި ފީ (އޭޓީއެފް) އިތުރުވެފައިވުމަކީ ވެސް މި މުއްދަތުގެ އާމްދަނީ އިތުރުވި އެއް ސަބަބެވެ. އަދި ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ނަގާ ޓެކުހާއި ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ ވެސް ވަނީ 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހާއި އަޅާބަލާއިރު މި އަހަރުގެ އޮކްޓޫބަރު މަހު އިތުރުވެފައެވެ.

މި އަހަރުގެ އޮކްޓޫބަރު މަހަށް އަންދާޒާކުރި ވަރަށްވުރެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތަކުގެ ގޮތުގައި މީރާއިން ފާހަގަކުރީ އާންމުދާއިރާގެ ޖީއެސްޓީއާއި، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީގެ އިތުރުން ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިން ޓެކްސް އިތުރުވުމެވެ.

މީގެ އިތުރުން މި މުއްދަތުގައި ލިބުނު އާމްދަނީގެ 19.6 ޕަސެންޓް ލިބިފައިވަނީ ނުލިބި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން ކަމަށް މީރާ އިން ވަނީ ބުނެފައެވެ.

އެގޮތުން ނުލިބި ހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން މި އަހަރުގެ އޮކްޓޫބަރު މަހު ޖުމްލަ 448 މިލިއަން ރުފިޔާ ވަނީ ހޯދާފައެވެ.