އޯޓީޕީ ހޯދައިގެން އީ-ސިމްއަށް ބަދަލުކޮށް ބޭންކް އަދި ސޯޝަލް މީޑިއާ އެކައުންޓްތައް ކޮމްޕްރޮމައިޒްކޮށްގެން ހިންގާ ސްކޭމްތަކާއި، ހުއްދަނެތި ޑިޖިޓަލް ވޮލެޓް ހަދައިގެން ހިންގާ ސްކޭމްތައް އިތުރުވަމުންދާތީ، މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

Advertisement
Advertise with us

މަކަރާއި ހީލަތް ހަދާ ފަރާތްތަކުން ދަނީ އޮޅުވާލައިގެން ކުރާ ފޯނު ކޯލްތަކާއި ފޮނުވާ ޓެކްސްޓް މެސެޖުތަކުގެ ޒަރީއާއިން ވަން-ޓައިމް ޕާސްވޯޑް (އޯޓީޕީ) އަދި ވެރިފިކޭޝަން ލިންކުތައް ހޯދުމަށް މަސައްކަތް ކުރަމުންކަން ފާހަގަވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މިހާރު އެންމެ އާންމުކޮށް ބޭނުންކުރަމުންދާ އެއް އުކުޅަކީ، ޝިކާރައަކަށްވާ މީހާއަށް ގުޅައި، ގުޅާ މީހާ މިހާރު ބޭނުންކުރާ މޮބައިލް ނަންބަރަކީ މީގެ ކުރިން އެ މީހާ ބޭނުންކުރި ނަންބަރެއް ކަމަށް ބުނެ އޮޅުވާލައިގެން ކޯޑު ހޯދައި، ބޭންކް އަދި ޑިޖިޓަލް ވޮލެޓްތަކުގެ އޯޓީޕީ ޗެނަލްތަކާއި ސޯޝަލް މީޑިއާ އެކައުންޓްތައް ކޮމްޕްރޮމައިޒްކުރުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އަދި ދާދި ފަހުން ރާއްޖެއިން ބޭރުން އައިސް އުޅޭ ކަމަށާއި، ކުރީގެ އީމެއިލް ނުވަތަ ސޯޝަލް މީޑިއާ އެކައުންޓްތައް އަލުން ހޯދަން (ރިކަވަރ ކުރަން) ބޭނުންވާ ކަމަށް ބުނެ، ފޯނަށް އަންނަ ވެރިފިކޭޝަން ކޯޑު ހޯދުމަށް މަކަރާއި ހީލަތުން މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އޯޓީޕީ ނުވަތަ ވެރިފިކޭޝަން ލިންކުތައް ހިއްސާކުރުމުގެ ނުރައްކާތެރިކަން

މިފަދަ ކޯޑުތައް ހިއްސާކުރުމަކީ ހަމައެކަނި ސޯޝަލް މީޑިއާ ނުވަތަ އީމެއިލް އެކައުންޓް ގެއްލުމަށްވުރެ މާ ނުރައްކާތެރި ކަމެކެވެ. ކުށްކުރާ ފަރާތްތަކުން އަތުލައިގަންނަ އޯޓީޕީ އަދި ވެރިފިކޭޝަން ލިންކުތައް ބޭނުންކޮށްގެން ދަނީ ތިރީގައިވާ ކަންކަން ހިންގަމުންނެވެ.

1- ހުއްދަނެތި އީ-ސިމް (eSIM) ރަޖިސްޓްރީކުރުން: ސްކޭމް ކުރާ ފަރާތްތަކުން އެ މީހުންގެ އަމިއްލަ ފޯނަށް، ޝިކާރައަކަށްވާ މީހާގެ މޮބައިލް ނަންބަރު އީ-ސިމް މެދުވެރިކޮށް ބަދަލުކުރެއެވެ. މީގެ ސަބަބުން އެ މީހާގެ ފޯނު ލައިން ކުށްކުރާ މީހުންގެ ކޮންޓްރޯލްގެ ދަށަށް ގޮސް، ކުރިއަށް އަންނަން ހުންނަ ހުރިހާ ފޯނު ކޯލްތަކާއި ބޭންކިންގ އެސްއެމްއެސް އެލާޓްތައް އެ މީހުންނަށް ލިބެއެވެ.

2- ޑިޖިޓަލް ވޮލެޓް ހެދުން: ކޮމްޕްރޮމައިޒްވެފައިވާ މޮބައިލް ނަންބަރާއި ޒާތީ މައުލޫމާތު ބޭނުންކޮށްގެން، ޝިކާރައަކަށްވާ މީހާގެ ނަމުގައި ހުއްދަނެތި ޑިޖިޓަލް ވޮލެޓްތައް ހަދައި، ހުއްދަނެތި މުއާމަލާތްތައް ހިންގައެވެ.

3- ހުއްދަނެތި ފައިސާގެ މުއާމަލާތްތައް ހިންގުން: ވަގަށް ނަގާ މައުލޫމާތުތައް ބޭނުންކޮށްގެން ބޭންކް އެކައުންޓްތަކަށް ހުއްދަނެތި ވަދެ، އެކައުންޓުން ފައިސާ ޓްރާންސްފަރކޮށް، ބޮޑެތި މާލީ ގެއްލުންތައް ދަނީ ކުރިމަތިކުރުވަމުންނެވެ.

ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް

މިފަދަ ކުށްތަކުގެ ޝިކާރައަކަށް ވިޔަނުދީ، ތިޔަބޭފުޅުންގެ ޒާތީ މައުލޫމާތާއި އަދި ފައިސާ ރައްކާތެރިކުރުމަށްޓަކައި، ތިރީގައިވާ ކަންކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކުރެ އެވެ.

1- އެއްވެސް ހާލެއްގައި އޯޓީޕީ ނުވަތަ ލިންކު ހިއްސާނުކުރުން: އެއްވެސް ފަރާތަކާ ވަން-ޓައިމް ޕާސްވޯޑް (އޯޓީޕީ)، ޕިން (PIN)، ނުވަތަ ވެރިފިކޭޝަން ލިންކެއް ހިއްސާނުކުރާށެވެ. ގުޅި ފަރާތަކީ ތިޔަބޭފުޅާގެ ނަންބަރު ކުރިން ބޭނުންކުރި މީހާ ކަމަށް ބުނި ކަމުގައި ވިޔަސް، ރައްޓެއްސެއް ކަމަށް ބުނި ކަމުގައި ވިޔަސް، ނުވަތަ ބޭންކަކުން ނުވަތަ ޓެލެކޮމް ކުންފުންޏަކުން ގުޅި ފަރާތެއް ކަމަށް ބުނި ކަމުގައި ވިޔަސްމެއެވެ.

2- ގުޅާ ފަރާތްތަކުގެ ވާހަކަތައް ކަށަވަރުކުރުން: އެކައުންޓް ރިކަވަރ ކުރުމަށް ކޯޑެއް ބޭނުންވާ ކަމަށް ބުނެ، ނޭނގޭ ނަންބަރުތަކުން ގުޅައި ކުއްލި ކަމެއްގެ ގޮތުގައި ދައްކައިގެން ކުރާ އާދޭސްތަކަށް ސަމާލުކަން ނުދޭށެވެ. އެކައުންޓް އަލުން ހޯދުމުގެ ރަސްމީ މަރުހަލާތަކުގައި، ކުރިން ބޭނުންކޮށްފައިވާ ފޯނު ނަންބަރެއް މިހާރު ގެންގުޅޭ ފަރާތަކާ ގުޅާކަށް ދުވަހަކުވެސް ނުޖެހޭނެއެވެ.

3- މޮބައިލް ކަނެކްޓިވިޓީއަށް ސަމާލުވުން: އެއްވެސް ސަބަބަކާ ނުލައި ކުއްލިއަކަށް ތިޔަބޭފުޅާގެ ފިޒިކަލް ސިމް ކާޑުން ނެޓްވޯކް ސިގްނަލް ގެއްލިއްޖެނަމަ، ލަސްނުކުރައްވާ ވަގުތުން ޓެލެކޮމިއުނިކޭޝަން ޕްރޮވައިޑަރަށް ގުޅުއްވާށެވެ. ސަބަބަކީ މިއީ ތިޔަބޭފުޅާގެ ހުއްދައަކާ ނުލައި އީ-ސިމް (eSIM) ބަދަލުކޮށްފައިވާ ކަމުގެ ނިޝާނަކަށް ވެދާނެތީއެވެ.

4- ޝައްކުކުރެވޭ ކަންކަން ރިޕޯޓުކުރުން: ޝައްކުކުރެވޭ ފަދަ ފޯނު ކޯލެއް ނުވަތަ މެސެޖެއް ލިބިއްޖެނަމަ، ނުވަތަ އެކައުންޓަކަށް އެހެން ފަރާތަކުން ވަދެފައިވާކަމަށް ޝައްކުކުރެވޭނަމަ، ލަސްނުކޮށް ވަގުތުން އެކަން ނޭޝަނަލް އިމަޖެންސީ ސެންޓަރުގެ ނަންބަރު 911 އަށް ރިޕޯޓުކުރައްވާށެވެ. އަދި އެކައުންޓްތައް ފްރީޒްކުރުމަށްޓަކައި އެ ބޭންކަކާ ގުޅުއްވާށެވެ. މީގެއިތުރުން، ސޯޝަލް މީޑިއާ އެކައުންޓްތައް ރިކަވަރކުރުމަށް އެ ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގެ ސަޕޯޓްގެ އެހީ ނުވަތަ ދިވެހި ފުލުހުންގެ ޚިދުމަތުގެ ސައިބަރ ކްރައިމް ސެންޓަރުގެ އެހީ ހޯއްދަވާށެވެ.