ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން އިންތިޒާމުކޮށްގެން ބާއްވާ ސިފައިންގެ ޚާއްޞަ މައުރަޒު ހއ. ދިއްދޫ އިސްލާމީ މަރުކަޒުގައި މިއަދު ހުޅުވައިފިއެވެ. މި މައުރަޒަކީ 1988 ނޮވެންބަރު 3 ގެ ޢުދުވާނީ ހަމަލާގައި ޝަހީދުވި ހއ. ދިއްދޫ، ޗާންދަނީއާގެ، ޝަހީދު އަލްމަރްޙޫމް ޢުމަރު އަޙްމަދުގެ ހަނދާނާ ވެސް ގުޅުވައިގެން އެ ރަށުގައި ބޭއްވި މައުރަޒެކެވެ.

Advertisement
Advertise with us

މައުރަޒު ހުޅުއްވައިދެއްވީ ނޮދަން އޭރިއާ ކޮމާންޑުގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް އިސްމާޢީލް ޝަރީފެވެ.

އާންމުކޮށް ހުޅުވާލައިގެން ދިއްދޫ އިސްލާމީ މަރުކަޒުގައި ކުރިއަށްގެންދާ މި މައުރަޒު ޚާއްޞަކޮށްފައިވަނީ ނޮވެންބަރު 3 ގެ ޢުދުވާނީ ހަމަލާގައި ޝަހީދުވެދިޔަ އަބްޠާލުންގެ ޒިކުރާއަށާއި، ދިވެހި ޤައުމަށް ލިބުނު ނަޞްރާއި ކާމިޔާބީގެ މައްޗަށެވެ. އެގޮތުން، އެ ދުވަހުގެ ހަމަލާތައް ފެށުނީއްސުރެ ނަޞްރު ލިބުމާ ހަމައަށް ހިނގައިދިޔަ ކަންކަން ވަގުތު ފީތާއެއްގެ ގޮތުގައި ފެންނާނޭހެން ތަފާތު ކުރެހުންތަކާއި، ފޮޓޯތަކާއި، އަޑާއި މަންޒަރު އަދި ތާރީޚީ ލިޔުންތައް މައުރަޒުގައި ވަނީ ހިމަނާފައެވެ. މި މައުރަޒުން ދިވެހި ސިފައިންނާއި ރައްޔިތުން ވީ ޤުރުބާނީއާއި ދެއްކި ގަދަހިތްވަރު ސިފަކޮށްދެއެވެ.

މި މައުރަޒު ކުރިއަށްދާނީ ނޮވެންބަރު 13 އިން 14 ގެ ނިޔަލަށެވެ. މައުރަޒު ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހަކު ވެސް ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ. މިއަދު ބޭއްވި ހުޅުވުމުގެ ރަސްމިއްޔާތުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ސިފައިންނާއި، ދިއްދޫގެ މުއައްސަސާތަކުގެ ވެރިންނާއި، ސްކޫލު ދަރިވަރުންގެ އިތުރުން ގިނަ ޢަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވިއެވެ.

މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގެ ހަވާސާގައި، ސިފައިން އަހަރަކު ދެ ފަހަރު ނެރެމުން އަންނަ ”އައްޑަނަ“ މަޖައްލާގެ 40 ވަނަ ޢަދަދު ވަނީ ނެރެދެއްވާފައެވެ.

އެ މަޖައްލާ ނެރެދެއްވީ ބްރިގޭޑިއަރ ޖެނެރަލް އިސްމާޢީލް ޝަރީފެވެ. މީގެއިތުރުން، މައުރަޒު އިންތިޒާމުކުރުމުގައި ދިއްދޫ ކައުންސިލުން ވެދެއްވި އެހީތެރިކަމުގެ އަގުވަޒަންކޮށް، އެމްއެންޑީއެފުން ވަނީ ކައުންސިލަށް ހަނދާނީ ފިލައެއް އަރުވާފައެވެ. ދިއްދޫ ކައުންސިލްގެ ރައީސް އުޘްމާން ރަޝީދާ މި ފިލާ ހަވާލުކޮށްދެއްވީ އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯރގެ ޕްރިންސިޕަލް ޑައިރެކްޓަރ، ކާނަލް މުޙައްމަދު ނާޒިމެވެ.

ނަޞްރުގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން މާދަމާ (14 ނޮވެންބަރު) ހަވީރު 16:00 ގައި ދިއްދޫ އިސްލާމީ މަރުކަޒު ސަރަހައްދުގައި އެމްއެންޑީއެފްގެ މިލިޓަރީ ޑިސްޕްލޭއަކާއި ޢާއިލީ ހަވީރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އަދި ހަމަ އެ ދުވަހުގެ ހެނދުނު 10:00 އިން 12:00 އަށް، ދިއްދޫ ބަނދަރު ސަރަހައްދުގައި އޮންނަ އެމްއެންޑީއެފް ކޯސްޓްގާޑް ލޮނޑިޔާ ”ނޫރައްދީން“ އަށް ޒިޔާރަތްކުރުމުގެ ފުރުޞަތު އާންމުންނަށް އޮންނާނެއެވެ. މި ހަރަކާތްތަކުގެ މައިގަނޑު މަޤްޞަދަކީ ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލަށްޓަކައި ޝަހީދުވި އަބްޠާލުންގެ ޒިކުރާ އައުކޮށް، ޤައުމީ ފަޚުރާއި މުޖުތަމަޢުގެ އެއްބައިވަންތަކަމުގެ ރޫޙު އާލާކުރުމެވެ.