ރައްޔިތުންގެ ކަންކަން ހިންގުމަށްޓަކައި އިންތިހާބުކުރާ ބަޔަކު، ރައްޔިތުންނަށް ހިޔާނާތްތެރިވުމުން އެމީހުންނަށް ރައްޔިތުން އިހުތިރާމް ނުކުރާނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

Advertisement
Advertise with us

އޭނާ މިފަދައިން ވިދާޅުވީ ”އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު“ އިފްތިތާހުކުރުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޑރ. ދީދީ ވިދާޅުވީ އިހްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުގެ ނަމުގައި އަނެއްކާވެސް ފެނިގެން މިދިޔައީ ސަރުކާރުން ކުޅޭ ސިލްސިލާ ޑްރާމާތަކުގެ އައު އެޕިސޯޑެއް ކަމަށާއި، އިންސާނީ ޝުޢޫރުތަކަކީ ގަދަކަމުން ފާޅުކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ.

އަދި މީސްތަކުން ޠަބީޢީ ގޮތުންވެސް އިޙްތިރާމް އަދާކުރާނީ އިޙްތިރާމް ޙައްޤުވެގެންވާ ”މުޙްތަރަމް“ މީހުންނަށް ކަމަށް ދީދީ ވިދާޅުވިއެވެ.

”ރައްޔިތުން، ރައްޔިތުންގެ ކަންކަން ޤާނޫނު އަސާސީ އާއި ޤާނޫނުގައި ވާގޮތަށް ހިންގަން އިންތިޚާބުކުރާ ބަޔަކު، ރައްޔިތުންނަށް ހިޔާނާތްތެރިވުމުން، އެމީހުންނަށް ރައްޔިތުން އިޙްތިރާމެއް ނުކުރާނެއެވެ. މި ޙަޤީޤަތް ބަދަލެއް ނުކުރެވޭނެއެވެ،“ އޭނާ ވިދާޅުވިއެވެ.

ފަސް އަހަރު ދުވަހަށް ހިންގާ ”އިހްތިރާމް އަދާކުރުމުގެ މަޝްރޫއު“ ރައީސް ޑރ.މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މި އަހަރުގެ ރިޔާސީ ބަޔާން އިއްވަމުންނެވެ. ހެރިޓޭޖް މިނިސްޓްރީން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ހަރަކާތްތައް ކުރިއަށް ގެންދަން ސަރުކާރުން ވަނީ ނިންމައިފައެވެ.

މީގެ މަގުސަދަކީ ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި އޮތް އަދަބު އިހްތިރާމް ކުރުމާއި، މާތް އަހްލާގީ ސިފަތައް އަލުން ދިރުވައި، މުޖުތަމައުގެ ގުޅުންތައް ބަދަހިކުރުން ކަމަށް ސަރުކާރުން ބުނެއެވެ.