ތަރައްގީ ކަށަވަރު ކުރެވުނީ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓަށް މަރުހަބާކީ ގައުމުތަކަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Advertisement
Advertise with us

އެމްޑީޕީގެ ޗެއާޕާސަން، އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ، ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއި ހަވާލުކޮށްގެން ސަރުކާރުން ކުރިއަށްގެންދާ ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫއުއަށް އިދިކޮޅުން ފާޑު ކިޔަމުމްދާ ދަނޑިވަޅެއްގައެވެ.

”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، އިސްތިޢުމާރީ އަޅުވެތިކަން ތަޙައްމަލުކުރި ޤައުމުތަކަށް ތަރައްގީ ލިބުނީ ބޭރުގެ ސީދާ އިންވެސްޓްމަންޓްތަކަށް މަރުހަބާ ކިޔައިގެން ކަމަށެވެ.
އަދި މިފަދަ އިންވެސްޓްމަންޓްތަކަކީ ހަމައެކަނި ރޯ މެޓީރިއަލްސް ނުވަތަ ޤުދުރަތީ ވަސީލަތްތައް ނެގުމަށް ވުރެ ބޮޑަށް، ތަކެތި ޕްރޮސެސްކުރުމާއި އުފެއްދުންތެރިކަމަށް ވެސް ހިއްސާވާ އިންވެސްޓްމަންޓްތަކަކަށް ވާންޖެހޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

”އިސްތިއުމާރީ އަޅުވެތިކަން ދުއް ގައުމުތަކުގެ ތެރެއިން ތަރައްޤީ ކަށަވަރު ކުރެވުނީ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓަށް މަރުހަބާކީ ގައުމުތަކަށް. އެ އިންވެސްޓްމަންޓަކީ ރޯމެޓީރިއަލް ނެގުން އެކަނި ކަމަށް ވެގެންނެއް ނުފުދޭ. އެ ޕްރޮސެސްކޮށް އުފެއްދުންތެރިކަމަށް މަގުފަހިވުން ލާޒިމް.“

މީގެ އިތުރުން ނަޝީދު ވަނީ، ސިންގަޕޫރު ނުވަތަ ދެކުނު ކޮރެއާގެ މިނިވަންކަމަށް ނުވަތަ އިސްތިގުލާލަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓަކުން އަސަރެއް ނުކުރާ ކަމަށް ވިދާޅުވެފައެވެ.

އޭގެ ބަދަލުގައި އެ ގައުމުތަކުގެ އިގްތިސާދު ވަރުގަދަވީ. އެ ބާރުގައި އިސްތިގުލާލު ހިމާޔަތް ކުރުމުގެ ފަންވަރު ލިބި ބައިނަލްއަގްވާމީ ދަނޑުގައި ޖާގަ ކަށަވަރުވި.“ ނަޝީދު ވިދާޅުވިއެވެ.