ގައުމުގެ އިގްތިސާދު ހިންގާނެ ގޮތް ސަރުކާރަށް ކުޑަކޮށް ވެސް ނޭނގޭ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Advertisement
Advertise with us

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި ވަނީ، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ޑޮލަރުގެ އަގު 23 ރުފިޔާއަށް އުފުލިފައިވާކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، ރައްޔިތުންނަށް މިހާރު ވަަރަށް ބޮޑަށް ދަތިވެފައިވާ ކަމަށެވެ.

އަދި މާލީ ކަންކަން ބަލަހައްޓަންވެސް ސަރުކާރަށް އެނގިވަޑައިނުގަންނަވާ ކަމަށާއި މި ކަންކަމާ އެމްޑީޕީއިން ވަރަށް ބޮޑަށް ކަންބޮޑުވާކަން އެކމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، ނަޝީދު ވިދާޅުވީ ރަސްމާލޭގައި ސަރުކާރުން ހިންގާން ނިންމާފައިވާ މަޝްރޫއާ މެދު ރައްޔިތުންތަކެއް ކަންބޮޑުވެފައިވާ ކަމަށެވެ.

ދުބާއީގެ ”އީގަލް ހިލްސް“އާ ހަވާލުކޮށްގެމް ހިންގާ މި މަޝްރޫއުއާމެދު ކަންބޮޑުވުން އުފެދެނީ މައުލޫމާތު ނުލިބި ވާނުވާ ނޭނގޭތީ ކަމަށް ވެސް ނަޝީދު ފާހަގަކުރެއްވިއެވެ.

އަދި ރައްޔިތުންގެ ރުހުން ނެތި ބޮޑެތި ނިންމުންތައް ކުރިއަށް ގެންގޮސްފި ނަމަ ނާކާމިޔާބުވާކަން ފާއިތުވި ދެ ތިން ދައުރެއްގެ ތަޖުރިބާއިން ހާމަވެފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ނަޝީދު ވަނީ މިކަމުގައި އާއްމުންގެ ހިޔާލު ހޯދުމަށް ވޯޓެއް ނަގަން ޖެހޭ ކަމުގައި ވެސް ވިދާޅުވެފައެވެ.