ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ދިރާސާކުރަމުންދާ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލަށް ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމްއިއްޔާތަކުގެ ހިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އިއްޔެ ކުރި އިއުލާނެއްގައި ވަނީ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލަށް އެއްވެސް ސިޔާސީ ޕާޓީއަކުން ނުވަތަ މަދަނީ ޖަމްއިއްޔާއަކުން ހިޔާލު ހުށަހަޅަން ބޭނުންނަމަ ޑިސެމްބަރު ދެ ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން މަޖިލީހުގެ ގައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގެ އީމެއިލް އެޑްރެހަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން އެކަން އަންގައި ދިނުމަށް އެދިފައެވެ.
މި ބިލަށް ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމްއިއްޔާތަކުގެ ހިޔާލު ހޯދަން ބިލް ދިރާސާކުރާ ކޮމިޓީން ނިންމީ އިއްޔެ އެވެ.
މި ބިލަށް އާންމުންގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.





