ދިވެހިރާއްޖޭގެ ތާރީހުގައި ވެސް ހިންގޭ އެންމެ ބޮޑު، އަދި އެންމެ އުއްމީދީ ބޯހިޔާވަހިކަމާއި ތަރައްގީގެ މަޝްރޫއުއަކީ ޝައްކެއްވެސް ނެތް ގޮތުގައި ”ރަސްމާލެ“އެވެ.

Advertisement
Advertise with us

މި ބިޔަ މަޝްރޫއު ފަރުމާކުރެވިފައިވަނީ ހަމައެކަނި އާބާދީއަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކަށް ނޫނެވެ. އެއީ ދުނިޔޭގެ ފެންވަރުގެ ޒަމާނީ އަރާމާއި ލަގްޒަރީ ދިރިއުޅުމެއް ދިވެހިންނަށް ހޯދައިދިނުމުގެ ތަސައްވުރެކެވެ.

މިއަދު މި ބޮޑު މަޝްރޫއު ހަގީގަތަކަށް ހެދުމަށްޓަކައި، ބައިނަލްއަގުވާމީ ގޮތުން ނަންވިދާ ބޮޑު ކުންފުންޏެއް ކަމަށްވާ ”އީގަލް ހިލްސް“ އާ ގުޅުމަކީ، ކުރިމަގުގައި ދުބާއީގެ މުއްސަނދި އަދި ފުރިހަމަ ދިރިއުޅުން ރާއްޖެއިން އިހުސާސްކުރެވިގެންދާނެ ކަމުގެ ފެހި ސިގްނަލެކެވެ.

އީގަލް ހިލްސް އަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އަބޫދާބީއަށް ނިސްބަތްވާ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކޮށްލެވޭ ބޮޑެތި ސިޓީތަކާއި އުމްރާނީ މަޝްރޫއުތައް ތަރައްގީކުރަމުން އަންނަ ޕްރައިވެޓް އިންވެސްޓްމަންޓް އަދި ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ކުންފުންޏެކެވެ.

މި ކުންފުނިން ރަސްމާލޭގެ 500 ހެކްޓަރުގެ ބިމުގައި 20 ބިލިއަން ޑޮލަރުގެ ވޯޓަރ ފްރަންޓް އެންޑް މެރީނާ ޕްރޮޖެކްޓެއް ހިންގަން ތައްޔާރުވަމުން ދިޔުމަކީ އާދައިގެ ކަމެއް ނޫނެވެ. މިއީ ތާރީހީ މަޝްރޫއުއަކަށް ވާނެއެވެ.

އީގަލް ހިލްސް ހާއްސަ ވަނީ ކީއްވެ؟

މި ކުންފުނީގެ އެންމެ ބޮޑު އެއް ހާއްސަކަމަކީ ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ”ބުރްޖް ހަލީފާ“ އާއި މަޝްހޫރު ”ދުބާއީ މޯލް“ ތަރައްގީކުރި އިމާރު  ކުންފުނީގެ ބާނީ މުހައްމަދު އަލައްބާރުގެ ލީޑަޝިޕްގެ ދަށުން ހިންގާ ކުންފުންޏަކަށް ވުމެވެ. އީގަލް ހިލްސް އިން ވަނީ ދުނިޔޭގެ ފެންވަރުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ.

އެގޮތުން ސާބިއާގެ ވެރިރަށް ބެލްގްރޭޑްގައި ތަރައްގީކުރި ”ބެލްގްރޭޑް ވޯޓާފްރަންޓް“ މަޝްރޫއުގެ އިތުރުން މޮރޮކޯ، އުރުދުން، އަދި ބަހްރޭން ފަދަ ގައުމުތަކުގައި ޒަމާނީ މާސްޓާޕްލޭންތަކާ އެއްގޮތަށް ބޮޑެތި ސިޓީތައް އެ ކުންފުނިން ވަނީ ކާމިޔާބުކަމާއެކު ތަރައްގީކޮށްފައެވެ. މިފަދަ ތަޖުރިބާކާރު ކުންފުންޏަކާ ރަސްމާލެ ހަވާލުކުރުމަކީ ރާއްޖޭގެ ތަރައްގީ މުޅިން އައު އުސްމިނަކަށް ގެންގޮސްދޭނެ ކަމެކެވެ.

 

ހުޅުމާލޭގައި 5000 ހައުސިން ޔުނިޓު އެޅުމަށް އީގަލް ހިލްސްއާ ވަނީ ހަވާލުކޮށްފައި

 

ރަސްމާލެ ފަދަ ބިޔަ މަޝްރޫއެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި، ކަނޑައެޅިފައިވާ މާސްޓާޕްލޭނާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް މާލީ ގާބިލުކަމާއި އިންޖިނިއަރިންގެ އެންމެ މަތީ ފަންތީގެ ތަޖުރިބާ ބޭނުންވެއެވެ.

އީގަލް ހިލްސްއާ މި މަސައްކަތް ހަވާލުކުރުމުން ލިބޭނެ އެންމެ ބޮޑު ފައިދާއަކީ، ޒަމާނީ އާކިޓެކްޗާއާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން، ތިމާވެއްޓާ ރައްޓެހި ”އިކޯ ސިޓީ“ އެއްގެ ގޮތުގައި އެތަން ބިނާވެގެން ދިއުމެވެ. އަމިއްލަ މާލީ ތަނަވަސްކަމާއި ދުނިޔޭގެ އިތުބާރު ލިބިފައިވާ މިފަދަ ކުންފުންޏަކުން މި މަސައްކަތް ކުރުމުން، ޕްލޭނަށް އެއްވެސް ބަދަލެއް ނައިސް، ފެންވަރު ރަނގަޅު މަގުތަކާއި، ޕާކުތަކާއި، ވިޔަފާރި މަރުކަޒުތައް އެއް ވިއުގައަކުން ގުޅިގެންދާނެއެވެ. އަދި ސަރުކާރުގެ ބަޖެޓަށް ބުރަނުވެ، ބައިނަލްއަގުވާމީ ފެންވަރުގެ އިންފްރާސްޓްރަކްޗާއެއް ރާއްޖެއަށް ލިބިގެންދާނެއެވެ.

ދުބާއީގެ ވިޝަން އިންޑިއާ ކަނޑަށް

ދުބާއީއަކީ މިއަދު ދުނިޔޭގެ ލަގްޒަރީ އަދި ތަހުޒީބީ ދިރިއުޅުމުގެ އެންމެ އުސް މިންގަނޑެވެ.

އީގަލް ހިލްސްއިން ރަސްމާލެ ތަރައްގީކޮށް ނިމުމުން، ދިވެހިންނަށް އަމިއްލަ ފަސްގަނޑުގައި ތިބެގެން ދުބާއީގެ އެ މުއްސަނދި، ތަރައްގީގެ ފޮނިމީރުކަން އިހުސާސް ކުރެވިގެންދާނެއެވެ.

ދުބާއީގެ މަޝްހޫރު ޑައުންޓައުން އަދި ބުރްޖް ޚަލީފާ ކައިރީގައި ހުންނަ އިމާރާތްތަކުން ފެންނަ ފަދަ އުސް، ޒަމާނީ އަދި ހިތްގައިމު ޓަވަރުތަކާއި، ބައިނަލްއަގުވާމީ ބްރޭންޑްތަކުގެ ޝޮޕިން މޯލްތަކާއި، މަތީ ފަންތީގެ ރެސްޓޯރެންޓްތައް ރަސްމާލެއިން ފެނިގެންދާނެއެވެ.

މިއީ ދިވެހި ރައްޔިތުން ޗުއްޓީއަށް ނުވަތަ ވިޔަފާރިއަށް ދުބާއީއަށް ގޮސް ބުރްޖް ޚަލީފާ ވަށައިގެން ލިބިގަންނަ ޒަމާނީ، ހަލަބޮލިކަމެއް ނެތް އަރާމު ދިރިއުޅުމުގެ އިހުސާސް، ކޮންމެ ދުވަހަކު އަމިއްލަ ގޭދޮރުމަތިން ލިބިގެންދާނެ އަގުހުރި ފުރުސަތެކެވެ.

 

ދުބާއީ އަކީ ފަތުރުވެރިންގެ މެދުގައި ވަަރަށް މަގުބޫލު މަންޒިލެއް

 

ދިވެހިންގެ ތެރޭގައި ގާބިލު ކޮންޓްރެކްޓަރުން ތިބި ނަމަވެސް، ރަސްމާލެ ފަދަ ޒަމާނީ މެގަ ސިޓީއެއް އެކުގައި ތަރައްގީކުރުމަކީ ހަމައެކަނި ވަކިވަކި ފްލެޓް އެޅުމެއް ނޫނެވެ.

ތާރީހުން ފެންނަން އޮތް ހަގީގަތަކީ، ދިވެހިން އަމިއްލައަށް ނުވަތަ ކުދިކުދި ކޮންޓްރެކްޓަރުން ލައްވައި ވަކިވަކިން ފްލެޓް އަޅައިގެން މިފަދަ ތަނެއް ތަރައްގީކުރަން އުޅެފިނަމަ، އޮންނަ މާސްޓާޕްލޭން ގެއްލި، މަސައްކަތް ދިގުލައިގެން ދިއުމެވެ.

އަމިއްލައަށް ފްލެޓް އެޅުމުގެ ވިސްނުމުގައި ކުރިއަށް ހިނގައްޖެނަމަ، ފައިސާގެ ދަތިކަމާއި ވަސީލަތްތަކުގެ މަދުކަމާ ހުރެ، ކުރިއަށް އޮތް 50 އަހަރު ދުވަހުގެ ތެރޭގައި ވެސް ރަސްމާލެ އޭގެ އަސްލު ޕްލޭނާ އެއްގޮތަށް ފުރިހަމައަށް ތަރައްގީ ނުކުރެވުމުގެ ފުރުސަތު ބޮޑެވެ.

އޭގެ ބަދަލުގައި ފެންނާނީ އެކި ދިމަދިމާލުން އެކި ފެންވަރުގައި ނުނިމި ހުރި އިމާރާތްތަކާއި، ހަލާކުވެފައިވާ މަގުތަކެވެ. އެހެންކަމުން، އެއް ވިސްނުމެއްގައި، އެއް ފެންވަރެއްގައި އަދި އެއް މިންގަނޑަކުން މުޅި ސިޓީ އެއްކޮށް ތަރައްގީކުރުމަށް އީގަލް ހިލްސް ފަދަ ބައިނަލްއަގުވާމީ ބޮޑު ކުންފުންޏެއް ބޭނުންވަނީ މި ސަބަބަށްޓަކައެވެ.

ހަގީގަތުގައި ވެސް ރަސްމާލެ މަޝްރޫއަކީ ދިވެހިރާއްޖޭގެ މުސްތަގުބަލެވެ. އެ ސިޓީ އީގަލް ހިލްސް ފަދަ ދުނިޔޭގެ ފެންވަރުގެ ތަޖުރިބާކާރު ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަކީ ރާއްޖެއަށް ލިބުނު ރަން ފުރުސަތެކެވެ.

މިއީ ދިވެހިންނަށް ދުބާއީގެ ފެންވަރުގެ ޒަމާނީ ދިރިއުޅުމެއް އަމިއްލަ ގައުމުގައި ތިބެގެން ލިބި، ރާއްޖޭގެ އިގްތިސާދީ އަދި އިޖުތިމާއީ ހަޔާތަށް އިންގިލާބީ ބޮޑު ބަދަލެއް ގެނެސްދޭނެ ކަމެކެވެ. ސަރުކާރާ އިދިކޮޅު ފަރާތްތަކުން މި މަޝްރޫއުއާމެދު ކިތަންމެ ސުވާލު އުފެއްދިޔަސް، ގިނަ ދިވެހީން ތިބީ ރަސްމާލެއަކީ އިންޑިއާ ކަނޑުގެ ދުބާއީއަށް ވެގެން ދިޔުމުގެ ފޮނި އުއްމީދުގައެވެ.