ވިލިމާލޭގައި ދިރިއުޅޭ އަންހެނަކު ކައިވެނީގެ ބޭރުން އެއްމާބަނޑު ދެ ކުދިން ވިހެއި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
އެ އަންހެން މީހާ ވިހެއި ދެ ކުދިންގެ ތެރެއިން އެއް ކުއްޖަކު ވަނީ ނިޔާވެފައެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި، އުމުރުން 37 އަހަރުގެ އެ ދިވެހި އަންހެންމީހާ ވަނީ އަމިއްލައަށް ހޮސްޕިޓަލަށް ގުޅައި، އޭނާ ދިރިއުޅޭ ގޭގެ ފާހާނާ ތެރެއަށް ވިހާފައިވާ ކަމުގެ މައުލޫމާތު ހިއްސާކޮށްފައެވެ.
އެ ރިޕޯޓާ ގުޅިގެން ހޮސްޕިޓަލުގެ ޑޮކްޓަރަކާއި ނަރުހަކު އެ ގެއަށް ގޮސް، މަންމަ އާއި އަލަށް އުފަންވި ތުއްތު ކުއްޖާ ވަނީ އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ހޮސްޕިޓަލަށް ގެންގޮސް ބެލިބެލުމުން އޭނާގެ ބަނޑުގައި އިތުރު ކުއްޖަކު އޮތްކަން އެނގިފައިވާ ކަމަށާއި، އޭގެ ފަހުން އެ ކުއްޖާ ވިއްސި ނަމަވެސް، ވިހެއިއިރު ވެސް އެ ކުއްޖާ އޮތީ ނިޔާވެފައި ކަމަށް ފުލުހުން ބުނެފައިވެއެވެ.
ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ މި ހާދިސާގައި ވިހެއި އެއްމާބަނޑު ދެ ކުދިންނަކީ ވެސް ފިރިހެން ކުދިން ކަމަށެވެ. އަދި ފުރަތަމަ ވިހެއި ކުއްޖާގެ ހާލު ރަނގަޅު ކަމަށް ވެސް ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.





