ރިޔާސީ އިންތިހާބުގެ ވޯޓު ލުމަށް އޮންލައިންކޮށް ރީ- ރަޖިސްޓްރީ ކުރުމުގެ މުއްދަތު ހަމަވެފައި ވާއިރު، ފޯމު ހުށަހަޅައިގެން ރީ-ރަޖިސްޓަރ ވުުމުގެ ފުރުސަތު ހޮނިހިރު ދުވަހު ހަމަވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ.

ރީ ރަޖިސްޓަރ ވުމަށް ފޯމު ހުށަހަޅަން ޖެހޭނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 04:00 ގެ ކުރިންނެވެ.

އީސީއިން ބުނީ، މިމުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ ރަޖިސްޓަރީ ވެފައިވާ ރަށް ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ރަޖިސްޓަރީވާން އެދޭ ފަރާތްތައް އެކަންޏެވެ.

ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތު ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) ގެ ޒަރިއްޔާއިން ޗެކްކުރެވޭނެއެވެ.

މީގެއިތުރުން (VR space ID.No Send to 1414) އެސް.އެމް.އެސް ކޮށްގެން ޗެކްކުރެވޭނެއެވެ.

ރީ-ރަޖިސްޓަރީ ވުމަށް ފޯމު މެދުވެރިކޮށް ހުށަހަޅާނީ ރަށްވެހިވެފައިވާ ރަށްނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމުންނެވެ.

މި ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ އިންތިޚާބާބެހޭ މަރުކަޒު (ދަރުބާރުގެ) އިންނެވެ. އަދި މިފޯމު ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.