މަތީގައި އެވާ ދެ ފޮޓޯއިން އެ ފެންނަނީ އޭނާ ނަަމަކަށް ކިޔާ އުމުރުން ފަސް އަހަރުގެ އަންހެން ކުއްޖެކެވެ. އޭނާއަށް ޖެހިފައިވަނީ ގިނަ މީހުން ދުވަހަކުވެސް އަޑު އަހާފައިވެސް ނުވާފަދަ، ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެއް ކަމުގައިވާ ”ހާލެކުއިން އިޗްތިއޯސިސް“އެވެ.

Ads by Asuru

އޭނާގެ މަންމަ ޖެނީ ރިލޭވެސް އެބަލީގެ ނަން ކުރިން ދުވަހަކުވެސް އަހާފައެއް ނުވެއެވެ.

އުފަންވާއިރުވެސް ހުންނަ މިބަލީގެ ސަބަބުން، ބަލި ޖެހޭ މީހާގެ ގައިގެ ހަންގަނޑު ބޯވެ، ވަރަށް ބޮޑަށް ހުންނަނީ ކުރަކިވެފައެެވެ. އަދި ހަންގަނޑު ވާންވުމުގެ ސަބަބުން ތުންފަތާއި ލޯވެސް ހުންނަނީ ބޭރަށް ނުކުމެފައެވެ.

ތިރީގައިވާ ފޮޓޯއިން އެ ފެންނަނީ އޭނާގެ އުމުރުން 34 ހަފްތާގައެވެ. ޖެނީގެ ފެންދުލި ފަޅައިގެން ގޮސް، އޭނާ އުފަންވެފައިވަނީ 34 ވަނަ ހަފްތާގައެވެ. އުފަންވީިއިރު އޭނާގެ ގައިގެ ހަންގަނޑު ހުރީ އާދަޔާ ހިލާފަށް ހުދުކޮށެވެ. އަދި ލޯ އެހާމެ ރަތެވެ.

އޭނާ އުފަންވީއިރު، އުމުރަކީ 34 ހަފްތާ–

އޭނާގެ ގައިގެ ހަން ހަރުވީ ހަމަ ކުއްލިއަކަށް:

ބަނޑަށް 34 ހަފްތާގައި ވިހެއުމަކީ ޖެނީ ކުޑަކޮށްވެސް އުއްމީދު ކޮށްގެން ހުރި ކަމެއް ނޫނެވެ. އެހެންނަމަވެސް ފެންދުލި ފަޅައިގެން ދިޔުމުން، އިމަޖެންސީކޮށް ސިޒޭރިއަން ހެދީއެވެ. ހުރިހާ ކަމެއްވެސް ހީވީ ރަނގަޅު ހެންނެވެ. އެކަމަކު ކަންވީ ހީކުރި ގޮތަކަށް ނޫނެވެ.

”އެމީހުން އޭނާ ނެގުމުން ރޯ އަޑު އިވުނު. ރީތި ކުއްޖެކޭ އެމީހުން ބުނި. އެއީ ކޮންމެ މަންމައަކުވެސް އަހަން ބޭނުންވާނެ ބަސްތައް. އެބަސްތައް އިވި، އަހަރެންވެސް ހަމަޖެހިލިން. އެހެންނަަމަވެސް ފަރުދާގެ ފުރަގަހުގައި ކަންކަން ގޯހުން ގޯހަށް ދާކަން އަހަންނަކަށް ނޭނގުނު.“ ޖެނީ ބުންޏެވެ.

ވިހޭއިރުގައި ރީތިކޮށް އޮތް ނަމަވެސް، ސިކުންތުކޮޅެއްގެ ތެރޭގައި، އޭނާގެ ގައިގެ ހަން ހަރުވީއެވެ. އަދި ހަންގަނޑު ފަޅަފަޅައިގެން ގޮސް، ފާރުގަނޑުތައް އުފެދުނީ ހަމަ ކުއްލިއަކަށެވެ.

ވިހެއުމަށްފަހު ޖެނީއަށް ފަރުވާ ދެމުން ދިޔައިރު، ތުއްތު ދަރިފުޅު ދިނީ ބައްޕަ އަތަށެވެ. ޖެނީ ބުނިގޮތުގައި، ގައިގެ ހަންގަނޑު ބޯވެ، ލޯ ނުހުޅުވޭވަރު ވުމުގެ ކުރިން، ކުއްޖާގެ ބައްޕައަށް، ކުއްޖާ އުރާލަން ލިބުނެވެ.

އޭނާ ވަރަށް ތުއްތުއިރު–

”އަހަރެން ތައްޔާރެއް ނޫން“

ސީ-ސެކްޝަނަށް ފަހުގައި، ހޭ އެރުމުން، ޖެނީ އެންމެ ފުރަތަމަވެސް އެހީ އޭނާގެ ލޮލުގެ ކޮއެފަދަ ދަރިފުޅު ކޮބައިތޯއެވެ؟ އެކުއްޖާގެ ހާލު ރަނގަޅުތޯއެވެ.

”ތި ވާހަކަ އަހަރުމެން ދައްކާނީ ރޫމަށް ގޮސް.“ ޑޮކްޓަރުން ބުންޏެވެ.

ޖެނީ އިތުރު ސުވާލެއް ނުކުރެއެވެ. އިތުރު ”ބޭޑް ނިއުސް“އެއް އަހަން ނޭދޭތީއެވެ. އޭނާ ބުނީ، އިތުރު ގޯސް ހަބަރަކަށް އޭނާ ތައްޔާރު ނޫން ކަމަށެވެ.

ފުރަތަމަ ޑޮކްޓަރުން ބުނީ ޖެނީގެ އުފަންވުމުގައި ހުރި އުނިކަމެއް ހުރީ ކަމަށެވެ. ޖެނީ ފުރަަތަމަ އެކަމާ އެހާބޮޑަށް ފިކުރު ނުކުރެއެވެ. އޭނާ ހިތަށް އެރުވީ، ”ފަރުވާ ކޮށްގެން ދަރިފުޅު ރަނގަޅު ކުރާނީ“އެވެ.

އޭނާއަށް ޖެހިފައިވަނީ ”ހާލެކުއިން އިޗްތިއޯސިސް“ކަން އެނގުމުން، ޖެނީގެ ހިތް ހުއްޓުނު ފަދައެވެ. އަދި އެންމެ ދެރަވީ، އޭނާއަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނޫނީ ދުނިޔޭގައި ނުހުރެވޭނެ ކަމަށް ޑޮކްޓަރުން ބުނުމުންނެވެ.

ނަމަވެސް ނަސީބު ރަނގަޅުކަމުން އެކި އެކި ފަރުވާތައް ކޮށްގެން، މިއަދުވެސް އޭނާ ހުރީ ދުނިޔޭގައެވެ. ”ހޯޕް ފޯރ އޭނާ“ގެ ނަމުގައި ޖެނީ އަންނަނީ އޭނާގެ ދަރިފުޅުގެ ވާހަކަ ކިޔައިދޭން، ފޭސްބުކް ޕޭޖެއްވެސް ހިންގަމުންނެވެ.

އޭނާ މަންމައާއެކު–

އޭނާއަށް ކުރާ ފަރުވާގެ ތެރޭގައި ކޮންމެ ދުވަހަކު ވަކި ގަޑިއިރުތަކެއް ވަންދެން ”މައިކްރޯސިލްކް“ ބާތެއް ދިނުން، ނުވަތަ ބާތު ޓަބެއްގައި މައިކްރޯބަބްލް މެޝިނެއް ބޭނުންކޮށްގެން ފަރުވާ ދިނުންވެސް ހިމެނެއެވެ.

މިބަލީގެ ހާލަތު ގޯސްކުދިން މާގިނަ ދުވަހު ދުނިޔޭގައި ނުހުންނައިރު، ބަލީގެ ހާލަތު އެހާ ގޯސް ނޫންނަމަ، އުމުރުން 25 އަހަރުވަންދެންވެސް ދުނިޔޭގައި ހުރެއެވެ. ހާލެކުއިން އިޗްތިއޯސިސް އަކީ ޖެނެޓިކް ޑިސްއޯޑަރއެކެވެ.