ކީރިތި ރަސޫލާ(ސ.އ.ވ)ގެ ދިފާއުގައި ނުކުތް އިންޑިއާގެ މުސްލިމުންގެ ގެދޮރު ސުންނާފަތި ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ(ބީޖޭޕީ)ގެ އިސް ދެ ފަރާތަކުން ވަނީ މާތް ނަބިއްޔާއަށް ފުރައްސާރަ ކޮށްފައެވެ.
މި މައްސަލަ ވަރަށް ބޮޑަށް ހޫނުވެ، ފާއިތުވި ހަފްތާތަކުގައި އިންޑިއާގެ އެކި ކަންކޮޅުތަކުގައި އުޅޭ މުސްލިމުން، މަގުތަކަށް ނުކުމެ، ރަސޫލާ(ސ.އ.ވ)އަށް ފުރައްސާރަ ކުރުމާ ދެކޮޅަށް ދަނީ އަޑު އުފުލަމުންނެވެ. އަދި ރަސޫލާ(ސ.އ.ވ)އަށް ފުރައްސާރަ ކުރި ބީޖޭޕީގެ ތަރުޖަމާނު ނުޕޫރު ޝަރްމާއާއި، ނަވީން ކުމާރު ޖިންދަލް ހައްޔަރުކޮށް، އަދަބު ދިނުމަށްވެސް މުސްލިމުން ދަނީ ގޮވާލަމުންނެވެ.
މި އެއްވުންތައް ރޫޅާލުމަށް ނުކުންނަ އިންޑިއާގެ ފުލުހުންނާ، މުސްލިމުންނާމެދު ވަރުގަދަ ކުރިމަތިލުންތަކެއްވެސް ހިނގައި، ފުލުހުންގެ ފަރާތުން ގިނަ ބަޔަކަށް އަނިޔާވެސް ވަނީ ލިބިފައެވެ.
މި ހަމަނުޖެހުންތަކާ ގުޅިގެން، ހިންދޫއިންގެ މެޖޯރިޓީ އޮންނަ އިންޑިއާގެ އުއްތަރު ޕްރަދޭޝް(ޔޫޕީ)ގެ ޗީފް މިނިސްޓަރު ޔޯގީ އަދިތުޔާނާތުގެ އަމުރަށް މުސްލިމުންނާ ދެކޮޅަށް ހިންގަމުން އަންނަ އަމަލުތަކުގެ ތެރޭގައި، ރަސޫލާ(ސ.އ.ވ)ގެ ދިފާއުގައި އަޑު އުފުލަން ނުކުންނަ މުސްލިމުންގެ ގެދޮރު ސުންނާފަތި ކުރުން ހިމެނެއެވެ.
އެގޮތުން ގެތައް ހަލާކު ކުރުމަށް ބުލްޑޯޒަރު ނެރެގެން އުޅޭ މަންޒަރު ފެންނަ ފޮޓޯތަކެއް އާންމުވެފައިވާއިރު، މި މަންޒަރުން ސިފަވަނީ އިޒްރޭލްގެ ޔަހޫދީން، ފަަލަސްތީނުގެ މުސްލިމުންނާމެދު އަމަލު ކުރަމުންދާ ގޮތް ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.
ރަސޫލާ(ސ.އ.ވ)އަށް ފުރައްސާރަ ކުރި މައްސަލަ ފެންމަތިވެ، އިންޑިއާގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރަސްމީކޮށް ބަސްފުޅެއް ވިދާޅެއް ނުވެއެވެ. މޯދީ ގުޖުރާތުގެ ޗީޕް މިނިސްޓަރަކަށް ހުންނެވިއިރު، އެ ސްޓޭޓުގެ މުސްލިމުންދާ ދެކޮޅަށް ލާއިންސާނީ އަމަލުތަކެއް ހިންގި ވާހަކަ އަކީ މަޝްހޫރު ވާހަކައެކެވެ. އޭރު މުސްލިމު އެތައް ބަޔަކު މަރުވެފައިވެެެއެވެ.