ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ މިހަފްތާގައި އާ ބޮޑުވަޒީރަކާއި ކެބިނެޓެއް އައްޔަން ކުރައްވާނެކަން ހާމަ ކުރައްވައިފިއެވެ.

Ads by Asuru

އެކަން ހާމަކުރައްވާފައިވަނީ މިވަނީ، އެގައުމުގައި ހިނގި ނުރައްކާތެރި ހަމަނުޖެހުންތަކާ ގުޅިގެން، ބޮޑުބޭބޭފުޅު އަދި ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އާ ބޮޑުވަޒީރާއި ކެބިނެޓުން 225 ގޮނޑި ހިމެނޭ ޕާލަމެންޓްގެ މެޖޯރިޓީ އަށް ކޮމާންޑް ކުރައްވާނެ ކަމަށާއި، ގާނޫނު އަސާސީއަށް އިތުރު ބާރުތައް ދިނުމަށް އިސްލާހީ ބަދަލުތަކެއް ގެންނަވާނެ ކަމަށް ރާޖަޕަކްސަ ވިދާޅުވިއެވެ.

”މިހާރު މިއޮތް ހާލަތު ކޮންޓްރޯލް ކުރުމަށް އާ ސަރުކާރެއް އެކުލަވާލުމަށް އަޅުގަނޑު މިދަނީ ފިޔަވަޅުތަކެއް އަޅަމުން، ގައުމު އަނދަވަޅަކަށް ވެއްޓުނަ ނުދިނުމަށްޓަކައި އަދި ހުއްޓިފައިވާ ސަރުކާރުގެ ކަންކަން ދެމެހެއްޓުމަށްޓަކައި،“ ބުދަ ދުވަހު ލަންކާގެ ރައީސް ނެރުއްވި ބަޔާނުގައިވެއެވެ.

މި ފިޔަވަޅު އެޅީ، ސިޔާސީ ހަމަޖެހުން ނުލިބިއްޖެ ނަމަ ހަފްތާތަކެއްގެ ތެރޭގައި މަގާމުން ވަކިވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ، ސްރީލަންކާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.

ބާވީސް މިލިއަން މީހުންގެ މައްޗަށް އެކުލެވޭ މި ޖަޒީރާ ގައުމަށް ތާރީހުގައި ކުރިމަތިވި އެންމެ ބޮޑު އިގުތިސޯދީ ކާރިސާއިން ސަލާމަތްވެވޭނެ މަގެއް ހޯދުމަށް އެހީތެރިވުމުގެ ގޮތުން މަރުކަޒީ ބޭންކުގެ ވެރިޔާގެ މަގާމަށް މިދިޔަ މަހު އައްޔަން ކުރެއްވި ޕީ ނަންދަލާލް ވީރަސިންހަ ވިދާޅުވީ، މި ހަލަބޮލިކަން ހުއްޓުވަން ހަމަޖެހޭ ސަރުކާރެއް އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.

އަޅުގަނޑު ވަރަށް ސާފުކޮށް ރައީސް އަށާއި އެހެން ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ދަންނަވާފައި ވާނެ ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ސިޔާސީ ހަމަޖެހުން ގާއިމް ނުކުރެވިއްޖެނަމަ އަޅުގަނޑު މަގާމުން ދުރަށް ދާނެ ކަމަށް،“ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވީރާސިންހަ ވިދާޅުވިއެވެ.