ދިވެހިރާއްޖޭގެ ގައުމީ ތަރައްގީގައި ސަރުކާރުގެ ކުންފުނިތަކުގެ ދައުރު ވަރަށް ބޮޑު ކަމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވީ، ސްޓެލްކޯގެ 25 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިޖަލްސާގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ކަރަންޓުގެ ޚިދުމަތަކީ، ސާފުވައި ބޭނުންވާ ފަދައިން އަސާސީ ޚިދުމަތެއް ކަމަށެވެ.

އަދި 24 ގަޑިއިރު ކަރަންޓުގެ ޚިދުމަތް ނުލިބި އުޅުމަކީ މިއަދު ދަތިކަމެއް ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ސްޓެލްކޯއަށް މިބޮޑު ޒިންމާ އަދާކުރެވެމުން ދަނީ ވަރަށް ހީވާގި މަސައްކަތްތެރި ޓީމެއް އެކުންފުނީގައި އޮވެގެން ކަމަށެވެ.

ރާއްޖޭގެ 35 ރަށެއްގައި ސްޓެލްކޯއިން ކަރަންޓްގެ ޚިދުމަތް ދެމުން ގެންދާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ހީވާގި ޓީމެއް އުފެއްދޭނީ ވަރަށް ރަނގަޅު މެނޭޖްމަންޓެއް އޮވެގެން ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، މަސައްކަތާއި ޚިދުމަތުގެ އަގު ވަޒަންކުރުމަކީ، ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި އެކަން ސްޓެލްކޯއިން ފެނިގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ސަރުކާރުގެ ކުންފުނިތަކުން ކުރަމުންދާ މަސައްކަތްތައް ރާއްޖޭގެ އެކިކަންކޮޅުތަކުން ފެންނަމުންދާކަމަށެވެ. މިގޮތުން ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ކަންކަމުން ފެށިގެން ރައްޔިތުންނަށް ބޭނުންވާ އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ރެޔާއި ދުވާލު ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ވަރަށް ބުރަކޮށް މަސައްކަތްކުރަމުންދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ސްޓެލްކޯއަކީ އިޖުތިމާޢީ ގިނަކަންކަންވެސް ކޮށްދެމުން އަންނަ ކުންފުންޏެއްކަން ފާހަގަކުރައްވައި ސްޓެލްކޯގެ އޭރާއި މިހާރުގެ އިސްވެރިން ހިމެނޭގޮތުން ސްޓެލްކޯގެ މެނޭޖްމެންޓަށާއި މުވައްޒަފުންނަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝުކުރު އަދާކުރެއްވިއެެވެ.

ސްޓެލްކޯގައި ނުކުޅެދުންތެރިކަން ހުރި 35 ވަރަކަށް މުވައްޒަފުން މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި އެފަރާތްތަކަށް އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަށްވެސް ރައީސުލްޖުމުހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވިއެވެ.