ހިންދޫ ދީނުގެ އަޅުކަމުގެ ތެރޭގައި ހިމެނޭ ޔޯގާ އަކީ އިސްލާމީ ޝަރީއަތާ ހިލާފު ކަމެއް ކަމުގައި ބުނެ، އެ ހަރަކާތް ހުއްޓުވަން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގާފައި ނުވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

Ads by Asuru

އެ މިނިސްޓްރީން މީގެ ކުރިން ވަނީ، ބައިނަލްއަގްވާމީ ޔޯގާ ދުވަހު، ޔޫތު މިނިސްޓްރީން ކުރިއަށް ގެންދަން އުޅުނު ހަރަކާތް ހުއްޓުވައިދިނުމަށް އެދި ފުލުހުންނަށް ސިޓީއެއް ފޮނުވައިފައެވެ. އެ ސިޓީ ފޮނުވިކަން އާންމުންނަން ސިއްރު ކޮށްފައިވަނިކޮށް، އެ ސިޓީ މީސްމީޑިއާއަށް ލީކުވީއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޖޫންމަހުގެ 15 ވަނަ ދުވަހުގެ ސިޓީ އަކީ ޔޯގާގެ ހަރަކާތާ ގުޅިގެން ފޮނުވި ސިޓީއެއް ނޫން ކަމަށެވެ. އަދި އެ ސިޓީގައި ހިމެނޭ ފަތުވާ ނެރެފައިވަނީ، އިސްލާމިކް މިނިސްޓްރީން މިފަދަ ކަންތައްތަކުގައި އަމަލު ކުރަން ކަނޑައެޅިފައިވާ އިޖުރާއަތްތަކާ ހިލާފަށް ކަމަށްވެސް ވަނީ ބުނެފައެވެ.

އަދި ޔޯގާއާ ގުޅޭގޮތުން، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ފަތުވާއެއް ހޯދުމަށްފަހު، އާންމު ކުރާނެ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

އިސްލާމިކް މިނިސްޓްރީން މިމަހުގެ 15 ވަަނަ ދުވަހު، ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދަށް ފޮނުވި ސިޓީގައި ބުނީ ޔޯގާގެ މެޑިޓޭޝަނަކީ ހިންދޫންގެ އަޅުކަމެއްގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި އެއީ އެމީހުންގެ ދީނީ ސަގާފަތާއި ގުޅޭގޮތުން މެޑިޓޭޝަންގެ ނަމުން ނަންދީ އިރު އަރާ ވަގުތު އިރަށް ކުރުނީސްކޮށް އަދި ހިންދޫން ބުދު ފައްޅީގައި އަޅުކަން ކުރުމުގައި ބޭނުންކުރާ މިއުޒިކެއް ހިމެނޭ ހަރަކާތެއް ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެހެންކަމުން މިފަދަ ކަންކަމަކީ އިސްލާމީ ޝަރީއަތާއި ހިލާފް ކަމަކަށްވާތީ އާއި ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާއި ބެހޭ ގާނޫނުގެ ދަށުން މަނާކުރެވިފައިވާ ކަމަކަށްވާތީ، އިސްލާމީ ޝަރީއަތާއި ދިވެހި ގާނޫނުތަކާއި ގަވާއިދުތައް ނެގެހެއްޓުމަށްޓަކައި، އެފަދަ ކަންކަން ކުރާ ފަރާތްތައް ދެނެގަނެ، އެކަށީގެންވާ ފިޔަވަޅު އެޅުމަށް އިސްލާމިކް މިނިސްޓްރީން ވަނީ މި ސިޓީގައި ފުލުހުންނަށް އަންގައިފައެވެ.

ގަލޮޅު ދަނޑުގައި، މި އަހަރުގެ ޔޯގާ ދުވަސް ފާހަގަ ކުރަން، މިމަހުގެ 21 ވަނަ ދުވަހު ބޭއްވި ހަރަކާތަކީ ޔޫތު މިނިސްޓްރީ އާއި އިންޑިއާ ހައި ކޮމިޝަނާއި އިންޑިއަން ކަލްޗަރަލް ސެންޓަރު (އައިސީސީ) އިން ގުޅިގެން ބޭއްވި ހަރަކާތެކެވެ.

އެ ހަރަކާތް ކުރިއަށް ދަނިކޮށް ބަޔަކު އަރައިގަނެ، ހަމަނުޖެހުން ހިންގި މައްސަލައިގައި ފުލުހުން ވަނީ 19 މީހަކު މިހާތަނަށް ހައްޔަރުކޮށްފައެވެ.