މިހާރު މިއޮތް ދައުލަތުގެ ނިޒާމްގައި މުދަލާއި ހިދުމަތުގެ އަގުން ނެޓޭ ޓެކްސް ކަމުގައިވާ ޖީއެސްޓީ ބޮޑު ކުރުމަކީ ނިކަމެތިންނަށް ދެވޭ އަނިޔާއެއް ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއީލް (އިބްރާ) ވިދާޅުވެއްޖެއެވެ.

Ads by Asuru

އިގްތިސާދަށް އަންނަމުންދާ ހީނަރު ކަމުން ސަލާމަތްވުމަށް ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑު ކުރުމަށް ސަރުކާރުން ދަނީ މަޝްވަރާ ކުރަމުންނެވެ. އެގޮތުން ސަރުކާރުން ހުށަހެޅީ ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް ބޮޑު ކުރާށެވެ. އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރާށެވެ.

މިކަމާ ގުޅިގެން އިބްރާ ވިދާޅުވީ ޖީއެސްޓީ އަކީ ކޮންމެ މީހެެއްގެ އަތުންވެސް އެއްވަރަށް ނަގާ އެއްޗެއް ކަމަށާއި، ދައުލަތުގެ ނިޒާމް މިހާރު އޮތް ގޮތުން، ޖީއެސްޓީ ނަގާނަމަ، އޭގެ ދެރަ ލިބިގެންދާނީ ނިކަމެތީންނަށް ކަމަށެވެ.

މުއްސަނދިން ތަކެތި ގަންނަނީ އޮންލައިންކޮށްނާއި، ރާއްޖެއިން ބޭރުން. އެއަކަށް ޖީއެސްޓީއެއް ނޯވޭ. ހިތްވަރެއް ހުރިއްޔާ ޕްރޮގްރެސިވް ޓެކްސް ނަގާ.

ޖީއެސްޓީ ބޮޑު ކުރަން މަޝްވަރާ ކުރަމުންދާތީ، ގިނަ ބަޔަކު ދަނީ މިކަމަށް ފާޑު ކިޔަމުންނެވެ. އެގޮތުން ދައުލަތުގެ ހަރަދުތައް ދެކޮޅު ނުޖެހޭ ނަމަ އެންމެ ފުރަތަމަ އަޅަންޖެހޭ ފިޔަވަޅަކީ ސަރުކާރުގެ ހިންގުމުގެ ޚަރަދުތައް ކުޑަކުރުން ކަމަށް ގިނަ ބަޔަކު ދެކެއެވެ.