ސަރުކާރުގެ ވިސްނުން ހުރީ އަދިވެސް ރައްޔިތުން އަތުން އަތުލުމަށް ކަމަށް ވިދާޅުވެ އެމްޑީޕީގެ ކުރީގެ ޕީޖީ ލީޑަރު އަލީ އާޒިމް ސަރުކާރަށް ފާޑުވިދާޅުވެެއްޖެއެވެ.

Ads by Asuru

އާޒިމް މިހެން ވިދާޅުވީ، ރައްޔިތުންގެ އަތުން، މުދަލާ ހިދުމަތުގެ އަގުން ނަގާ ޓެކްސް ބޮޑު ކުރުމަށް ސަރުކާރުން މަޝްވަރާ ކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެކަމާ ގުޅިގެން އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ ވަޒީފާތައް މަދުކޮށް، ކޮންކްރީޓަށް ކުރާ ހޭދަ މި ވަގުތައް މަޑުޖައްސާލުން މާ މުހިއްމު ކަމަށެވެ. ނަމަވެސް ސަރުކާރުގެ ވިސްނުން އަދިވެސް ހުރީ ރައްޔިތުން އަތުން ފައިސާ އަތުލުމަށް ކަމަށާއި އެކަން ކުރަން މިވަގުތު ފުރުސަތު ދެވެން ނެތް ކަމަށް އާޒިމް ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ޖީއެސްޓީ އާއި ޓީޖީއެސްޓީ އަށް ނަގާ އަގު ބޮޑުކުރުމާ ގުޅޭ ގޮތުން މިހާރު ކަމާބެހޭ ފަރާތްތަކާ އެކީ މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށެވެ. އަދި މަޝްވަރާތައް ކުރިއަށް ދަނީ މިޑްޓާމް ފިސްކަލް ސްޓްރެޓަޖީ އެކުލަވާލުމަށް ކަމަށާއި ޓީޖީއެސްޓީ އާއި ޖީއެސްޓީއަށް ގެންނާނީ ކޮން ބަދަލުތަކެއްކަން ނުވަތަ އެ ބަދަލުތައް ގެންނަނީ ކޮން އިރަކު ކަމެއް އަދި ނުނިންމާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.