ސަރުކާރު ވައްޓާލަން އުޅުމަކީ ބަލިވާކަމުގެ ނިޝާނެއް ކަމަށް ކުރީގެ ބަންޑާރަ ނައިބު އަދި ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

އާޒިމާ މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ މާއްދާތަކަށް އިސްލާހުތަކެއް ގެނައުމަށް މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާޒިމާ ވިދާޅުވީ އިންތިހާބުތަކުން ބަލިވާނެކަން އެނގުމުން ސަރުކާރު ވައްޓާލަން އުޅުމަކީ ބަލިވާ ކަމުގެ ނިޝާނެއް ކަމަށެވެ. އަދި މޮޅުވުމަކީ ދަނޑުމަތީގައި މޮޅުވުން ކަމަށްވެސް އާޒިމާ ވިދާޅުވި އެވެ.

މީގެއިތުރުން އާޒިމާ ވަނީ ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުން ވަކިކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ 2/3 އަޣުލަބިއްޔަތުން އެކަނި ކަމަށްވެސް ވިދާޅުވެފައެވެ.

އާންމު ކޮމެޓީން ނިންމާފައި ވަނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި އެ ވަގުތަކު މެންބަރުންގެ ގޮތުގައި ދެމި ތިބި މެންބަރުންގެ އަދަދު އެއީ ޖުމްލަ އަދަދު ކަމުގައި ބެލުމަށެވެ. ކުރީން އޮތް ގޮތުން މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި އަމަލު ކުރަނީ މަޖިލީހުގެ ޖުމްލަ އަދަދަށެވެ.

މި އިސްލާހު މަޖިލިސް ތަޅުމުން ފާސްވެއްޖެ ނަމަ، އެމްޑީޕީގައި މިހާރު އޮތް މެޖޯރިޓީން ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރެވޭނެއެވެ.