ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުއްޓާ ދޫކޮށްލި ފިލްމީ ތަރި މުޙައްމަދު ޔުނާން ދޫކޮށްލި މައްސަލަ މިއަދު ހަައިކޯޓުގައި އިސްތިއުނާފުކުރަން ތައްޔާރުވެފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
ޖިންސީ ގޯނާގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިގެން ހައްޔަރުކުރި ޔުނާނާއި އޭނާގެ އަންހެނުން ފާތިމަތު ރިހުލާ، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވަނީ 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުއެވެ.
މިދިޔަ މާޗު މަހުގެ ތިންވަނަ ދުވަހު ރިހުލާ ވަނީ ގޭބަންދަށް ބަދަލު ކުރީ، މާބަނޑުވުމުންނެވެ.
ޔުނާން ދޫކޮށްލަން ކޯޓުން އަމުރުކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެކަމާ ގުޅިގެން ޕީޖީ އޮފީހުގެ ތަރުޖަމާނު، ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ، އެ މައްސަލަ މިއަދު ހައިކޯޓުގައި އިސްތިއުނާފުކުރާނެ ކަމަށެވެ.
ޔުނާންގެ މައްޗަށް ކޮށްފައިވާ ދަޢުވާތައް ސާބިތުވެއްޖެނަމަ އޭނާއަށް އެންމެ މަދުވެގެން ޖުމްލަ 110 އަހަރުގެ ޖަލު ޙުކުމެއް އަންނާނެއެވެ.
އޭނާގެ މައްޗަށް ކުރީ ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަޤާމެއްގައި ހުރެ، ޖިންސީ އަމަލެއް ހިންގާ މަންޒަރު އެ ކުޑަކުއްޖާއަށް ދެއްކުމުގެ 2 ދަޢުވާއާއި ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަޤާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާ ލައްވައި ޖިންސީ ޢަމަލެއް ހިންގުވުމުގެ 2 ދަޢުވާއާއި ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަޤާމެއްގައި ހުރި މީހަކު، އެ ކުއްޖާގެ ހާޒިރުގައި، އެ ކުއްޖާއަށް ދެއްކުމުގެ މަޤުސަދުގައި ޖިންސީ ޢަމަލެއް ހިންގުމުގެ ދެ ދައުވާއާއި ޢާއިލާގެ މެމްބަރަކު އެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ދަޢުވާގެ އިތުރުން އޮރިޔާން ކާޑު ގެންގުޅުމުގެ ދެ ދަޢުވާއެވެ.
