ސަރުކާރުގެ ހަރަދު ކުޑަނުކޮށް ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑު ކުރުމަކީ ހައްލެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

Ads by Asuru

ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ ރާއްޖޭގެ ފިސްކަލް ހާލަތު ރަނގަޅު ކުރުމަށް، ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށާއި ހަރަދުތައް ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް އަޅަން މަޝްވަރާތައް ފަށާފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ފަޒުލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސަރުކާރުގެ ހަރަދު ކުޑަނުކޮށް ރައްޔިތުންގެ އަތުން ޓެކްސްގެ ގޮތުގައި އަށް އިންސައްތަ ނެގުމަކީ ހައްލެއް ނޫން ކަމަށެވެ.

ފަޒުލް ވިދާޅުވީ ތަކެތީގެ އަގު ބޮޑުވަމުންދާއިރު ޑޮލަރުގެ އަގު ބްލެކް މާކެޓްގައި އުފުލޭނެ ކަމަށެވެ. އަދި މިއޮތީ އެބުނާ އިގްތިސާދީ ބޫމް އައިސްފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.