ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމުން އަޒުލު ކުރުން ލަސްވެގެން މީހުން ސުވާލު ކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުން އަޒުލުކުރުމާބެހޭ ކަންކަމާއި ގުޅޭގޮތުން މަޖިލިސް ގަޤަވާއިދަށް އިސްލާހު ގެނައުމަށް އާންމު ކޮމިޓީން ފާސްކޮށްފައިވާ އިސްލާހުގެ ރިޕޯޓާއި ގުޅޭގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ރައީީސް މުޢިއްޒު އެންމެ 24 ގަޑިއިރު ވެސް ވެރިކަމުގައި ބަހައްޓަން ރައްޔިތުން ނޭދޭ ކަމަށެވެ.

އޭނާ ވިދާޅުވީ، ޤައުމީ ދިދަ މުޚާޠަބު ކުރާ އަޑު އިވޭ ކަމަށާއި، އެ ދިދަ ބުނަނީ ދިވެހީންގެ މައްޗަށް ކާހިނުންތަކެއް ވެރިވެގެން އުޅޭ ކަމަށެވެ.

ޝިފާއު އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލިހުން ކުރަންޖެހޭ އެންމެ މުހިންމު، އެންމެ އިސްކަމެއް ދޭންވީ މަސައްކަތަކީ މިހާރު ރައީސުލްޖުމުހޫރިއްޔާ އަޒުލްކުރުމުގެ މަސައްކަތް ކަމަށެވެ.

“އަޅުގަޑު އިރާދަކުރެއްވިއްޔާ އަޅުގަޑުމެންގެ ޕާލަމެންޓްރީ ގުރޫޕަށް އެމައްސަލަ ހުށަހަޅާނަން” އޭނާ ދާޅުވިއެވެ.

ޝިފާއު އިތުރަށް ވިދާޅުވީ މިސަރުކާރުން ޤަަނޫނު އަސާސީއާއި ޚިލާފް އެތައްކަމެއް ކުރަމުންދާ ކަމަށެވެ. އެގޮތުން މިނިސްޓްރީތަކުގެ އޮންލައިން ވެބްސައިޓްތަކުން ބިދޭސީންގެ ރެކޯޑްތައް ހިމެނޭ މަޢުލޫމާތު ނައްތާލާފައިވާ ކަމަށް ޝިފާއު ވިދާޅުވިއެވެ.