ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކިކުރަން، މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބިފައިވާ އިދިކޮޅު އެމްޑީޕީއަށް ފަސޭހަވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 202 ވަނަ މާއްދާއާއި 203 ވަނަ މާއްދާ އަދި 49 ވަނަ މާއްދާ އިސްލާހުކުރަން އާންމު ކޮމިޓީން ނިންމި ގޮތަށް އިސްލާހަކާއެކު، މަޖިލީހުން ފާސްކޮށްފިއެވެ.
މަޖިލީހުގެ ޤަވާއިދަށް އެމްޑީޕީގެ ފަރާތުން ހުށަހެޅި އެ އިސްލާހު އާންމު ކޮމިޓީން ފާސްކޮށްފައިވާ ގޮތަށް ފާސް ކުރުމަށް މިއަދުގެ ޖަލްސާގައި ނެގި ވޯޓުންނެވެ.
އެ އިސްލާހު ފާސްކުރަން ވޯޓަށް އެހުމުން ވޯޓުގެ ބައިވެރިވެވަޑައިގެން 55 މެންބަރުންގެ ތެރެއިން 44 މެންބަރުން ވަނީ އިސްލާހު ފާސްކުރަން ވޯޓުދެއްވައިފައެވެ.
އިސްލާހާ ދެކޮޅަށް ވޯޓުދެއްވީ 10 މެންބަރުންނެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެންބަރަކު އިންނެވިއެވެ.
އެހެންވެ، މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާއާއި 203 ވަނަ މާއްދާއަށް އާންމު ކޮމިޓީން ގެނައި ބަދަލާ އެކު މަޖިލީހުން ހުށަހެޅި އިސްލާހު އިތުރުކޮށް، ވަނީ ފާސްކޮށްފައެވެ.
އާންމު ކޮމެޓީން ނިންމާފައި ވަނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި އެ ވަގުތަކު މެންބަރުންގެ ގޮތުގައި ދެމި ތިބި މެންބަރުންގެ އަދަދު އެއީ ޖުމްލަ އަދަދު ކަމަށް ބެލުމަށެވެ.
މި އިސްލާހު ފާސްވުމާއިއެކު، އެމްޑީޕީގައި މިހާރު އޮތް މެޖޯރިޓީން ރައީސާއި ނައިބު ރައީސް މަޤާމުން ދުރުކުރެވިދާނެ އެވެ. އެމްޑީޕީ މަޖިލިސް މެންބަރުންގެ އަދަދަކީ 56 އެވެ.
