ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، 2023 ނޮވެންބަރު 17 ގައި އުފައްދާފައިވާ ވުޒާރާތަކާއި، އެ ވުޒާރާތަކުގެ މަސައްކަތު ދާއިރާތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމަށްޓަކައި މިއަދު އެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުށަހަޅުއްވައިފިއެވެ.

ވުޒާރާތަކާއި އެ ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާތައް ފާސްކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަންޖެހެއެވެ.

މަޖިލީހުގެ ޖަލްސާގައި ވަޒީރުންނަށް ރުހުންދޭން އެޖެންޑާ ކުރި ނަމަވެސް މެންޑޭޓު ފާސްނުކުރާތީ، ރުހުން ދިނުމުގެ މައްސަލަ ވަނީ ފަސްކޮށްފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތުޅާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހިސާން ޙުސައިން ނިޒާމީ ނުކުތާއެއްގެ ގޮތުގައި ފާހަގަކުރެއްވީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގެ ރިޕޯޓް ކޮމިޓީން ފާސްކޮށްފައި އޮތީ ޤަވާއިދާ އެއްގޮތަށް ނޫން ކަމަށެވެ.

އެ ނުކުތާ ބަލައިގަނެ، ރިޔާސަތުން، މަޖިލީހުގެ ރައީީސް މުޙައްމަދު އަސްލަމް ނިންމެވީ އެކަމާ ބެހޭ ގޮތުން މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރާއި މަޝްވަރާ ކުރެއްވުމަށެވެ.

ރިޕޯޓް އަނބުރާ ކޮމިޓީއަށް ފޮނުވައިލީ އެ މަޝްވަރާތަކަށް ފަހުގައެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރީ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީންނެވެ. ސަރުކާރު ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާ މަޖިލީހަށް ފޮނުވާފައިވޭތޯ އެ ކޮމެޓީން ބަލާފައި ނުވާ ކަމަށް ވިދާޅުވެ، މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.