ތައިރޮއިޑް ބައްޔަށް ބޭނުންކުރާ ބޭހެއްގެ ފޭކް ބޭސްތަކެއް އިންޑިއާއިން ފެނިފައިވާ ކަމަށް ރިޕޯޓްކޮށްފައިވާތީ ދިވެހިން ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އެދިއްޖެއެވެ.

Ads by Asuru

އެމްއެފްޑީއޭއިން  ބުނީ އިންޑިއާގެ ޖެނެރިކްސް އެލްއެލްޓީ ކުންފުނިން އުފައްދާ، ތައިރޮއިޑް ބައްޔަށް ބޭނުންކުރާ ބޭހެއް ކަމަށްވާ ”ތައިރޮނޯރމް 100އެމްސީޖީ“ ގެ ފޭކް ބޭސްތަކެއް ފެނިފައިވާ ކަމަށް އެ ގައުމުގެ ތެލަންގަނާ ޑްރަގްސް ކޮންޓްރޯލް އެޑްމިނިސްޓްރޭޝަނުން އަންގަފާއިވާ ކަމަށެވެ.

ފޭކު ބޭހުގެ ގޮތުގައި އެމްއެފްޑީއޭއިން ފާހަގަ ކޮށްފައިވަނީ ”ތައިރޮކްސިން ސޯޑިއަމް (ތައިރޮނޯމް 100 އެމްސީޖީ)“ ގެ ބެޗް ނަންބަރު އޭއީޖީ 1233 އާއި އޭއީޖީ 1987އެވެ. އެ ބެޗުގެ ބޭސް ރާއްޖެ އެތެރެކުރުމާއި ބޭނުންކުރުން ވަނީ މަނާ ކޮށްފައެވެ.

އެ އޮތޯރިޓީއިން ވަނީ އެ ބޭހާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ، އެމްއެފްޑީއޭ ހޮޓްލައިން ނަންބަރު 7200321 އަށް ގުޅައި ރިޕޯޓްކުރަން އެދިފައެވެ.