ރާއްޖެއިން ނައްތާލެވިފައި އޮތް ބައްޔެއް ކަމަށްވާ ފައިލޭރިއާގެ ކޭސްތަކެއް ފެނުމާ ގުޅިގެން ރާއްޖޭގައި ފުޅާކޮށް އެ ބަލީގެ ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކެއް ހިންގަން ނިންމާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ މި ބަލި އިތުރަށް ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމުގެ ކުރަމުން އަންނަ ކަމަށާއި މިކަން ކުރިއަށް ދަނީ ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ، ޑަބްލިއުއެޗްއޯގެ ލަފަޔާ ވެސް އެކީގައި ކަމަށެވެ.

އެ އެޖެންސީން ބުނީ މަދީރީގެ ޒަރީރާ އިން ޖެހޭ ފައިލޭރިއާ އަށް މީހުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ބިދޭސީންނަށް ވެސް މައުލޫމާތު ފޯރުކޮށް ދިނުމަށް އެ މީހުންނަށް އެނގޭ ބަހަކުން ޕޯސްޓަރާއި ވީޑިއޯ އަދި ފޮޓޯ ތައްޔާރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.

އަދި އަދި ފައިލޭރިއާއާ ގުޅުންހުރި ގައިޑްލައިނެއް ތައްޔާރުކޮށް، ސާވައިލެންސާއި ރިޕޯޓިން އިތުރަށް ހަރުދަނާ ކުރަން ވެސް މިހާރު އަންނަނީ މަސައްކަތްތަކެއް ކުރެވެމުންނެވެ.

މިދިޔަ ހަފުތާގައި ފައިލޭރިއާގެ ކޭސްތަކެއް ފެނުނީ ކުޅުދުއްފުށިންނެވެ.

ފައިލޭރިއާ އަކީ އާންމުކޮށް ކިއުލެކްސް މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބައްޔެކެވެ. މި ބަލީގެ އެންމެ ބޮޑު އަލާމާތަކީ ފައި ދުޅަވުމެވެ.