ސަރުކާރުގެ ވެރިންގެ މުސާރަތައް ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމި ނިންމުމާ ދެކޮޅަށް ދަ ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގުރޫޕުން ތްރީލައިން ރެޑް ވިޕެއް ނެރެފިއެވެ.

މިއީ ޑިމޮކްރެޓްސްގެ ޕީޖީ ގުރޫޕުން ނެރުނު ފުރަތަމަ ވިޕެވެ. މި ވިޕު ނެރުނީ އެ ޕާޓީގެ ޕީޖީ ގުރޫޕުގެ އިއްތިފާޤުނެވެ.

މިކަން ހާމަކޮށް ޑިމޮކްރެޓްސްއިން މިއަދު ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނީ މާލިއްޔަތު ކޮމިޓީގެ މި ނިންމުމާ އެ ޕާޓީން ދެކޮޅު ކަަމަށާއި ނިންމުން ބަލައިނުގަނެ އަނބުރާ ކޮމިޓީއަށް މަޖިލީހުގެ ރައީސަށް އިލްތިމާސްކުރާ ކަމަށެވެ.

އަދި ބޮޑު އަޣުލަބިއްޔަތެއް ކޮމިޓީއާއި މަޖިލީހުގައި އޮތެއް ކަމަކު އެމްޑީޕީގެ ޕީޖީން ނިންމުންތައް ނިންމާއިރު މިއަށްވުރެ ޒިންމާދާރު ވުމަށް ވެސް ޑިމޮކްރެޓްސްއިން ވަނީ ގޮވައިލައިފައެވެ.

އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މުސާރައަށް ގެންނަން ފާސްކުރި ބަދަލާ ދެކޮޅު ކަމަށް ސަރުކާރުން ވެސް ވަނީ ހާމަކޮށްފައެވެ.