ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ(އެންސްޕާ)ގެ ސީ.އީ.އޯ ހީނާ ވަލީދު، ނުކުޅެދުންތެރިކަން ހުންނަ ބައެއް ފަރާތްތަކުގެ ބެލެނިވެރިންނާއި ބައްދަލުކުރައްވައިފިއެވެ.
އެންސްޕާ އިން ބުނީ، މި ބައްދަލުކުރުމުގައި، އެ ބެލެނިވެރިންގެ ކަންބޮޑުވުންތައް ހީނާ އަޑު އެއްސެވި ކަމަށެވެ. އިތުރު ތަފްޞީލެއް ނުދެއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންނާ މިއަދު ސީއީއޯ @HeenaWaleed ބައްދަލުކުރައްވައި އެބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއައްސަވައިފި. pic.twitter.com/gODItoiv75
— NSPA (@NSPAmaldives) December 20, 2023
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖްތަމަޢުގައި ބާކީ ވެގެން ނުދާނެ ފަދަ ގޮތަކަށް ކަންކަން ފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވައެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގެ ސިޔާސަތުގެ ދަށުން، އެފަދަ ފަރާތްތަކަށް ވަޒީފާ ހަމަޖެއްސުމުގެ އުޞޫލެއް އެކުލަވާލެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީީސް މުޢިއްޒު ވަނީ ނިންމަވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓުގައި، ވެރިކަމުގެ ފުރަތަމަ 9 ހަފުތާތެރޭ ”ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސިވިލް ސަރވިސް އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ސިޔާސަތެއް އެކުލަވާލުމަށް“ ވަނީ ހިމަނުއްވާފައެވެ.
މި ސިޔާސަތު ތަންފީޒުކުރުމުގެ ގޮތުން އެކުލަވާލެވޭ މި އުޞޫލުގައި ދިވެހި ސިވިލް ސަރވިސް އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި އެކަމާއިގުޅޭ އިންތިޒާމުތައް ހަމަޖައްސަވައި ބަޔާންކުރައްވާފައިވެއެވެ.
