ގޭގައި ތިބެގެން، ފޯނުން ކަރަންޓު ބިލަށް އަރާވަރު ބެލޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު، ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ކަރަންޓުގެ ޚިދުމަތަށް 74 އަހަރު ފުރުމުގެ މުނާސަބަތުގައި ދެއްވި ވީޑިއޯ މެސެޖެއްގައި ފަހުމީ ވިދާޅުވީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތެއްގައި ހިދުމަތް ލިބޭނެ ގޮތްތައް ހެދުމަށް ސްޓެލްކޯ އިން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި މަސައްކަތުގެ ދަށުން، ސްމާޓް މީޓަރ ޕްރޮޖެކްޓެއް، ދުރު ނޫސް މުސްތަޤްބަލެއްގައި، ވަރަށް އަވަހަށް ހިންގަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

”ތި ބޭފުޅުންނަށް، ތި ބޭފުޅުންގެ ކަރަންޓު ބިލަށް އަރާވަރު، ފޯނުން ފެންނަ ގޮތަށް ހަދައިދޭނަން.“ ފަހުމީ ވިދާޅުވިއެވެ.

ފަހުމީގެ ވާހަކައިގައި، މިއީ ސްޓެލްކޯގެ ޚިދުމަތް ހޯދާ ފަރާތްތައް ވަރަށް ބޮޑަށް އެދޭ ކަމެއްކަން ފާހަގަކުރައްވައި، ކަރަންޓު ބިލަށް އަރާވަރު އެނގެން ރައްޔިތުން އެދޭ ކަމަށް ވިދާޅުވިއެވެ.

”އެ ބޭފުޅުންނަށް އެނާޖީ ސޭވް ކުރެވޭނީ ކިހިނެއްތޯ، ދުވަހުން ދުވަހަށް އެ ބޭފުޅުންގެ ބިލަށް އަރަނީ ކިހައިވަރެއްތޯ، އެނގުން އަޅުގަނޑު ދެކޭގޮތުގައި، އެއީ ކަރަންޓު ބިލު ކުޑަ ކުރުމަށް ނުވަތަ އިޤްތިޞާދު ކުރުމަށް ލިބިދޭ ވަރަށް ބޮޑު ފުރުޞަތެއް. އެހެންވީމަ، އެ ވާހަކަވެސް އަޅުގަނޑު ދަންނަވައިލަން ބޭނުން.“

ފަހުމީ އިތުރަށް ވިދާޅުވީ، ރާއްޖޭގައި ހިންގޭ އެންމެ ބޮޑު އަދި ބިޔަ ހަކަތައިގެ މަޝްރޫޢު މި އަންނަ އަހަރު ފަށާނެ ކަމަށެވެ. އެ ޕްރޮޖެކްޓާއެކު މި ސިނާއަތުގައި މަސައްކަތް ކުރާނެ މީހުން ތަމްރީނު ކުރުމުގެ ބޮޑު ޕްރޮޖެކްޓެއްވެސް ހިންގަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.