ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒު ކުރުމާއި ގުޅޭގޮތުން، ކުރީގެ ރައީީސް މައުމޫން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅަށް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައެވެ.

މަރުގެ ޙުކުމް ތަންފީޒު ކުރުމަކީ، މި ސަރުކާރުން ވެސް ކުރަން ނިންމައިފައިވާ ކަމެއް ކަމަށް އިއްޔެ ހޯމް މިނިސްޓަރު ޢަލީ އިހުސާން ވަނީ ހާމަކުރައްވައިފައެވެ. މިކަމާ ގުޅިގެން ރައީސް މައުމޫން ވިދާޅުވީ، މަރުގެ ޙުކުމް ތަންފީޒު ކުރުމަކީ ޤައުމީ ތަރައްޤީގެ އުސް ލަނޑުދަނޑިއެއް ކަމެއް ”ނުދެނަހުރިން“ ކަމަށެވެ.

ރައީސް މައުމޫން އެކްސްގައި ކުރެއްވި މި ޕޯސްޓަށް ވަރަށް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ. އެ ޕޯސްޓަށް ކޮމެންޓު ކުރި މީހަކު ބުނީ، މަރުގެ ޙުކުމް ތަންފީޒުކުރުމަށް އެންގެވީ މާތް ﷲ ކަމަށެވެ.

”ދެން އެކަމާއި ބަހުސް ކުރަން ތީ ކާކު؟؟“

އިތުރު މީހަކު ކުރި ކޮމެންޓެއްގައި ވަނީ، ރައީީސް މައުމޫން ބުރުގާ އެޅުމާއި ދެކޮޅަށް ވެސް ކުރިން ވާހަކަ ދެއްކެވި ކަމަށާއި، މަރުގެ ޙުކުމާއި ގުޅޭގޮތުން އެމަނިކުފާނު މިހާރު އެ ވިދާޅުވާ ބަސްފުޅު ޤަބޫލު ކުރެވެން ނެތް ކަމަށް ބުނެފައެވެ.

ރައީީސް މައުމޫންގެ މި ވާހަކަފުޅަށް، ރާއްޖޭގެ ދީނީ ޢިލްމުވެރިން ވެސް ގެންދަވަނީ ފާޑު ވިދާޅުވަމުންނެވެ. ޤިސާސް ހިފުން ނުވަތަ މަރަށް މަރު ހިފުމަކީ އިސްލާމީ ޝަރީޢަތުގައި ކަނޑައަޅާފައި އޮންނަ ޙުކުމެކެވެ. ކީރިތި ޤުރުއާނުގައި، އެއީ ދިރުމެއްވާ ކަމެއްގެ ގޮތުގައި ސިފަ ކުރައްވައިފައިވެސް އޮވެއެވެ.